ކޮމަންވެލްތު ގޭމްސްގައި ސައުތު ތިން ސެޓަށް ގޮސްގެން، ސައުތު އެފްރިކާ އަތުން ރާއްޖޭގެ ބީޗު ވޮލީ ޓީމު ބަލިވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ބާމިންގްހަމްގައި މިހާރު ކުރިޔަށްދާ މި ގޭމްސްގައި ސައުތު އެފްރިކާއާ އަތުން ރާއްޖޭގެ ބީޗު ވޮލީ ޓީމު ބަލިވީ ރޭ ކުޅުނު މެޗުން ދެ ސެޓް އެއް ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް 16-21 އިން ސައުތު އެފްރިކާ ގެންދިޔައިރު، ދެވަނަ ސެޓް 14-21 އިން ރާއްޖެ ވަނީ ގެންގޮސްފައެވެ. މިގޮތުން ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓް ސައުތު އެފްރިކާއިން ގެންދިޔައީ 11-15 އިންނެވެ.

ރާއްޖެ އަދި ސައުތު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެމްއޯސީ

މުބާރާތުގައި ރާއްޖެއިން ކުޅުނު ތިން މެޗުންވެސް ރާއްޖެ ބަލިވި ނަމަވެސް، ތިން މެޗުގައިވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ދައްކާފައެވެ.

މިގޮތުން އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އަތުން ދެ ސެޓުން ރާއްޖެއިން ބަލިވިއިރު، އެ މެޗުގައި ރަނގަޅު ފައިޓެއް ވަނީ ދީފައެވެ. ދެވަނަ މެޗުގައި ރުވާންޑާ އަތުން ރާއްޖެ ބަލިވީ ތިން ސެޓު ކުޅެގެން ފަހު ވަގުތުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ޕްރިލިމިނަރީ ބުރުގެ ޕޫލް ބީގައި ރާއްޖެ ހިމެނުނުއިރު، މި ޕޫލް އިން އެއްވަނައަށް ދިޔައީ ހަ ޕޮއިންޓާއެކު އޮސްޓްރޭލިއާއެވެ. ދެވަނަ ފަސް ޕޮއިންޓާއެކު ރުވާންޑާ ހޯދިއިރު، ތިންވަނަ ހަތަރު ޕޮއިންޓާއެކު ހޯދީ ސައުތު އެފްރިކާއެވެ. ރާއްޖެ ފުލަށް ދިޔައީ ތިން ޕޮއިންޓާއެކުގައެވެ.