މިރޭ ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ކްރޮއޭޝިއާގެ ކެޕްޓަން އަދި ހުނަރުވެރި މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަށް ލިބިއްޖެއެވެ.

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާ ނުވަތަ "ގޯލްޑެން ބޯލް" މޮޑްރިޗް އާއި ހަވާލުކޮށްފައިވަނީ މިރޭ ކުޅުނު ފައިނަލް މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައެވެ.

ފައިނަލް މެޗުން ފްރާންސްއާ ބައްދަލުކޮށް ކްރޮއޭޝިއާ 2-4 އިން ބަލިވިއިރު، މުބާރާތުގެ ފައިނަލާއި ހަމައަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި މޮޑްރިޗް ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޓީމު ލައްވާ މެދުތެރެއިން އެޓީމު ކުޅުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ވެސް މޮޑްރިޗްއެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މޮޑްރިޗް އަކީ ކްރޮއޭޝިއާގެ ތާރީހުގައި ވެސް ވޯލްޑް ކަޕެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

މި މަގާމަށް މޮޑްރިޗް އާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް އާއި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަންއެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ފްރާންސްގެ އުމުރުން 19 އަހަރުގެ ފޯވާޑް ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭ އަށް މި އެވޯޑު ލިބުނުއިރު އޭނާ ވަނީ މުބާރާތުގައި ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. އެގޮތުން މިރޭގެ ފައިނަލް މެޗުގައި ވެސް އެމްބާޕޭ ގޯލެއް ކާމިޔާބުކުރިއެވެ.

އެ ގޯލާއެކު އެމްބާޕޭ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ފައިނަލެއްގައި ގޯލެއް ކާމިޔާބުކުރި ދެވަނަ އަށް އެންމެ ހަނގު ކުޅުންތެރިޔާއަށެވެ. ވޯލްޑް ކަޕެއްގެ ފައިނަލެއްގައި މިހާތަނަށް ގޯލެއް ކާމިޔާބުކުރި އެންމެ ހަނގު ކުޅުންތެރިއަކީ ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ. އެގޮތުން 1958 ވަނަ އަހަރުގެ ފައިނަލްގައި ޕެލޭ ގޯލު ކާމިޔާބުކުރިއިރު އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ "ރަންބޫޓު" އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އަށް ލިބުނުއިރު އޭނާ ވަނީ މުބާރާތުގައި ހަ ގޯލު ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހައްޤު މަޤާމެއް .

  2. ހުސޭނުބޭ

    މުބާރާތުގެ އެންމެ ބަލި ޓީމު ކޮޅަށް ގިނަ ގޯލްތަކެއް ޖެހުނީމާ ހެރީކޭނަށް ރަންބޫޓު ލިބުނީ. ކުރާނެކަމެއްނެތަ! ގޯލް ވާނީ ހަމަ ގޯލަށް.