ސައޫދީ ޕްރޯ ލީގުގެ ޓީމަކުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ލުކާ މޮޑްރިޗް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މޮޑްރިޗަށް ވަނީ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައެވެ. މޮޑްރިޗް ޓީމުގައި އިތުރު ސީޒަނެއްގައި މަޑުކުރަން ބޭނުންވިނަމަވެސް، ރެއާލް މެޑްރިޑުގެ ވިސްނުން ހުރީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ.

މިހާރު މޮޑްރިޗް ހުރީ ސީޒަން ނިމުނުއިރު ކުއްލިއަކަށް ރެއާލް މެޑްރިޑް ދޫކޮށް އަލްއިއްތިހާދާ ގުޅުނު ކަރީމް ބެންޒީމާއާ އެއް ހާލެއްގައެވެ. މޮޑްރިޗް ސައޫދީގައި އޭނާގެ ކުރީގެ ޓީމުގެ ކުޅުންތެރިޔާއާ ގުޅެން ނިންމަފާނެކަމަށް ބެލެވެއެވެ.

ލޫކާ މޮޑްރިޗަކީ ފާއިތުވި 11 އަހަރު ރެއާލް މެޑްރިޑުން ގިނަ ތަށިތަކެއް ކާމިޔާބުކުރިއިރު އެ ޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. މިހާރު އުމުރުން 37 އަހަރުގެ މޮޑްރިޗް ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ދެމިއޮތް ނަމަވެސް، މި ހޫނު މޫސުމުގައި ރެއާލް މެޑްރިޑް ދޫކޮށްލަން ޖެހިދާނެ ކަމަށް ބެލެވެއެވެ.

ސައުދީ ލީގުގެ ޓީމުތަކުން އަންނަނީ މޮޑްރިޗްގެ އިތުރުން ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ވެސް ވަނީ ސައުދީގެ އަލް ނަސްރު ޓީމުން ހޯދާފައެވެ.

މޮޑްރިޗަކީ ބެލަންޑޯ އެވޯޑް ހާސިލްކުރި ކުޅުންތެރިންގެ ތެރެއިން ހަމައެކަނި މިވަގުތު ޔޫރަޕުގައި ފުޓުބޯޅަ ކުޅެމުން އަންނަ ކުޅުންތެރިޔާއެވެ. ހަތް ފަހަރަށް ބެލަންޑޯ އެވޯޑް ހާސިލުކުރި ލިއޮނަލް މެސީ ވެސް ދާދި ފަހުން އިންޓަ މިއާމީއާ ގުޅުމަށް ނިންމާފައެވެ.