ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕުގައި، ފްރާންސްގެ ތަރި، ކައިލިއަން އެމްބާޕޭ އަށް ލިބުނު ފައިސާ، ޗެރިޓީގެ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތް ކުރާ ފަރާތަކަށް ހަދިޔާ ކުރަން ނިންމައިފިއެވެ.

ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤުވާމީ މީޑިޔާތަކުން ބުނެފައިވާގޮތުގައި، އެމްބާޕޭ، އޭނާއަށް ލިބޭ އާމަދަނީގެ ބައެއް ހަދިޔާ ކުރުމަށް ނިންމާފައިވަނީ "ޕްރެމިޔާސް ޑި ކޯޑީ" ނަމަކަށް ކިޔާ ތަނަކަށެވެ. މިއީ، ކުޅިވަރުގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމަނައި، އެކުދިންނަށް ކުޅިވަރު ކުޅުމުގެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތެކެވެ.

ހަމައެހެންމެ، އެއީ ނުކުޅުންދުންތެރިކަން ހުންނަ ކުދިންނާ ބެހޭގޮތުން، އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމާއަތެއްވެސްމެއެވެ.

ފްރާންސްގެ ނޫހަކަށް މައުލޫމާތު ދެމުން ޕްރެމިއާސް ޑި ކޯޑީގެ އިސް އޮފިޝަލެއް ބުނެފައިވަނީ އެމްބާޕޭ އަކީ އަބަދުވެސް އެފަރާތާ ގުޅުން އޮންނަ ކުޅުންތެރިއެއްކަމުގައެވެ. އަދި، އެތަނުގެ ކުދިންނާއެކު ވަގުތު ހޭދަކުރުމަށް، އޭނާގެ ބިޒީ ޝެޑިއުލުން ވަގުތު ހުސްކޮށްގެން ބައެއް ފަހަރު އަންނަކަމަށްވެސް ބުނެފައިވެއެވެ.

ބައެއް އެހެން ނޫސްތަކުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ކޮންމެ މެޗަކަށް، އެމްބާޕޭ އަށް ބޯނަސްއާއެކު 17،000 ޔޫރޯ ލިބިފައިވެއެވެ. ހަމައެހެންމެ، ޗެމްޕިއަންކަން ހޯދުމުން، ބޯނަސްއާއެކު އިތުރު 265،000 ޔޫރޯ ލިބޭނެކަމަށްވެސް އެނޫސްތަކުން ބުނެފައިވެއެވެ.

2017 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެމްބާޕޭ އަކީ ޕްރެމިޔާސް ޑި ކޯޑީއަށް އެހީތެރިވަމުން އަންނަ މީހެއްކަމަށްވާއިރު، އޭނާއަކީ މި އަހަރުގެ ވޯލްޑް ކަޕުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާއެވެ. އެއީ، މި ވޯލްޑް ކަޕުގައި އެންމެ ތަފާތު ދެއްކި އެންމެ ޒުވާން ކުޅުންތެރިޔާވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމްބާޕޭ ތިޔަ ކުރީ ނުހަނު އަގު ހުރި ރީތި ކަމެއް - ތިޔަ މަގުގައި ކުރިއަށްދޭ އިރާދަ ކުރެއްވިއްޔާ ކާމިޔާބުވާނެ.

  2. ވަރައް އަގުހުރި ރީތިކަމެ ވަރައް ވެސްލޯބި އެމްބަްއްޕޭ