އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ކުޅުނު މެންޗެސްޓާ ޑާބީ މެޗު ކާމިޔާބުކޮށް ޗެމްޕިއަން މެންޗެސްޓާ ސިޓީން އެ ޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

އެތިހާދު ސްޓޭޑިއަމްގައި ކުޅެ ޔުނައިޓެޑުގެ މައްޗަށް ސިޓީ އިން ކުރިހޯދީ 4-1 އިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ސިޓީ އިން ވަނީ ލީޑު ނަގައިފައެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ދިން ބޯޅަ އަކުން ސިޓީ އަށް ލީޑު ނަގައިދިނީ ކެވިން ޑިބްރައިނާއެވެ. މެޗުގައި ސިޓީގެ ކެޕްޓަން ބޭންޑު އެޅި ޑިބްރައިނާ ތިރި ތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކައިރި ކަނަށެވެ.

ސިޓީގެ ގޯލަށް ފަހު ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް އިދިކޮޅު ޑިފެންސަށް ބާރު ބޮޑު ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޭޑަން ސަންޗޯ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ސަންޗޯ ބޯޅަ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ސިޓީ އިން ދެވަނަ ފަހަރަށް ލީޑު ނެގީ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑިބްރައިނާ ކާމިޔާބުކުރި ގޯލަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ޔުނައިޓެޑުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. ސިޓީގެ ފަހު ދެ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްޖީރިއާގެ ފޯވަޑް ރިޔާދް މާރޭޒެވެ. މެޗުގެ 68 ވަނަ މިނިޓްގައި ޑިބްރެއިނާ ދިން ބޯޅައަކުން މާރޭޒް ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފަ އެވެ. މާރޭޒްގެ ދެވަނަ ގޯލް ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގައެވެ.

މި މެޗުން ހޯދި މޮޅާއެކު ސިޓީން ވަނީ ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ސިޓީ އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 27 މެޗުން 63 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި ޗެލްސީ އޮތީ 26 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ވަޓްފޯޑު އަތުން ހޯދި މޮޅާއެކު އާސެނަލް ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލީ 25 މެޗުން 48 ޕޮއިންޓް ހަމަކޮށްގެންނެވެ. ރޭގެ މެޗުން ބަލިވި ޔުނައިޓެޑު ފަސް ވަނައިގައި އޮތީ 28 މެޗުން ހޯދި 47 ޕޮއިންޓާއެކުއެވެ.