ކޯޗިންގ ކެރިއަރުގައި ހެދުނު އެންމެ ބޮޑު ގޯހަކީ އެއްކުލަބެއްގައި 21 އަހަރު މަޑުކުރުން ކަމުގައި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

68 އަހަރުގެ ވެންގާ އިނގިރޭސި ނޫހަކަށް ދިން އިންޓަވިޔުއެއްގައި ބުނީ އޭނާއަކީ އަބަދުވެސް އައު ކަންކަން ކުރަން ބޭނުންވާ މީހެއްކަމަށާއި ތަފާތު ކަންކަން ތަޖުރިބާކޮށް ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދޭން ބޭނުންވާ މީހެއް ކަމަށެވެ.

އާސެނަލްއަށް ގިނަ ހިދުމަތްތަކެއް ކޮށްދެވުން ކަމަށް ގަބޫލް ކުރާ ކަމަށްވެސް ވެންގާ ބުނެފައިވެއެވެ.

"އަހަރެން މިހާރު އެންމެ ދެރަވަނީ އެއް ކުލަބެއްގައި 21 އަހަރު ހޭދަކުރެވުނީމަ. އަހަރެންމީ އެކި ކުލަބުތަކަށް ކޯޗުކަން ކޮށްދީ ތަފާތު ތަޖުރިބާ ކުރަން ބޭނުންވާ މީހެއްް" ވެންގާ ބުނެފައިވެއެވެ.

އޭނާ އެންމެ ބިރުގަންނަނީ އަމިއްލަ ސިއްހީ ހާލަތާއި މެދުގައި ކަމަށްވެސް ވެންގާ ވަނީ ބުނެފައެވެ.

"އަހަރެން އެންމެ ކަންބޮޑުވެ ބިރުގަންނަނީ އަހަރެންގެ ސިއްހީ ހާލަތާއި މެދު. އަހަންނަކީ އަބަދުވެސް ކަސްރަތު ކުރާހިތްވާ އަދި އެކަމަށް ހާއްސަ ލޯތްބެއް ޖެހިފައިވާ މީހެއް" ވެންގާ ބުނެފައިވެއެވެ.

ފްރާންސް އަށް އުފަން ވެންގާ ވަނީ އާސެނަލްއަށް 1235 މެޗުގައި ކޯޗުކަން ކޮށްދީފައެވެ.

ވެންގާގެ ކޯޗުކަމުގައި އާސެނަލްއިންވަނީ 1998 ވަނަ އަހަރު ލީގާއި އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. އޭގެފަހުން 2002 ވަނަ އަހަރު ވެސް ހަމަ އެ ކާމިޔާބީ އާސެނަލް އިން ތަކުރާރުކުރިއެވެ.

އޭގެފަހުން ވެސް ފަސް ފަހަރެއްގެ މަތިން އާސެނަލް އިން އެފްއޭކަޕް ކާމިޔާބުކުރި އެވެ. ނަމަވެސް އާސެނަލް އިން ލީގު އެންމެފަހުން ކާމިޔާބުކުރީ 2004 ވަނަ އަހަރުއެވެ. އެފަހަރު އާސެނަލް އިން ލީގު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މިއީ އަދި މިހާތަނަށް ޕްރިމިއަރ ލީގުގެ އެއްވެސް ކްލަބަކަށް ކުރެވިފައިވާ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ވެންގާއަކީ އެތަކެއް ފުޓްބޯޅަ ކުޅުންތެރިންނެއް އުފެއްދި ތަޖުރިބާކާރު ކޯޗެކެވެ.