ބާސެލޯނާގެ ކުރީގެ ކުޅުންތެރިއާ އަދި މިހާރު ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެނބުރި ބާސާ އަށް ގެނައުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެ ކްލަބުގެ ރައީސް ހޮއަން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ލަޕޯޓާ މިހެން ވިދާޅުވީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން ބަލިވެ ޕީއެސްޖީ މުބާރާތުން ކެޓި ހިސާބުން މެސީ އެ ކްލަބު ދޫކޮށް ބާސާ އަށް އެނބުރި އައުމަށް މިސްރާބު ޖަހާފައިވާ ކަމަށް އަޑު ފެތުރެމުންދާ ވަގުތެއްގައެވެ.

ލަޕޯޓާ ވިދާޅުވީ މެސީ އަކީ އަބަދުވެސް ކާމިޔާބު ކުޅުންތެރިއެއް ކަމަށާއި އެހެންނަމަވެސް ބާސާ އިން މިހާރު ފަށައިގަނެގެން އުޅެނީ ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް ހިމެނޭ މުޅިން އާ ޕްރޮޖެކްޓެއް ކަމަށެވެ. އެހެންކަމުން މެސީ އަނބުރާ ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ލަޕޯޓާ ވިދާޅުވިއެވެ.

"އަހަރެންނާ ލިއޯ އާ ދެމެދު ޑައިރެކްޓް މުއާމަލާތުތަކެއް މިހާރަކު ނުހިނގާ. މިދިޔަ އަހަރުގެ ޓްރާންސްފާގެ ފަހުން ކުރިން އޭނާ އާއި ދެމެދު އޮތް ގުޅުމެއް ނޯވޭ. ލިއޯގެ ފަރާތުން އަދި އޭނާގެ ޓީމުގެ ފަރާތުން ވެސް އޭނާ އެނބުރި ބާސާ އަށް އަންނަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އަހަންނަށް ލިބިފައެއް ނުވޭ. ލިބުނަސް މިވަގުތަށް ބަލާއިރު އެއީ އަހަރެމެންގެ ވިސްނުމުގައި އޮތް ކަމެއް ވެސް ނޫން. އަހަރެމެން މުޅިން އާ ޕްރޮޖެކްޓެއް ފަށައިގެން މިއުޅެނީ. ޒުވާން ކުޅުންތެރިންތަކަކާއެކު. މި ޕްރޮޖެކްޓު ވޯކް ވެސް އެބަކުރޭ. ލިއޯ އަކީ ލިއޯ. އޭނާ އަކީ އަބަދުވެސް ކާމިޔާބު ކުޅުންތެރިއެއް. އެކަމަކު ބާސާ އަށް އޭނާ އަނބުރާ ގެނައުމުގެ ޝައުގެއް ނެތް،" ލަޕޯޓާ ވިދާޅުވިއެވެ.

ލަޕޯޓާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރު މެސީ ދޫކޮށްލުން ވެގެންދިޔައީ އޭނާ އަށް ނިންމަން ވަރަށް އުނދަގޫވި ކަމަކަށް ކަމަށާއި އެހެންނަމަވެސް އެގޮތަށް ނިންމީ ވަރަށް ގިނަ ގޮތް ގޮތުން ބަލާފައި ކްލަބު އޭރު އޮތް މާލީ އަނދަވަޅުން ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ބާސާ އިން މެސީ ކްލަބުގައި ބަހައްޓަން ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ކުރި ކަމަށް ވެސް ލަޕޯޓާ ވިދާޅުވިއެވެ.

ވިއްސަކަށް އަހަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު މެސީ އެ ކްލަބު ދޫކޮށްލީ މާލީ ހާލަތުގެ ސަބަބުން ބާސާ އާއެކު އާ ކޮންޓްރެކްޓެއް ހެދޭނެ ގޮތެއް ނެތިގެންނެވެ. ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މެސީ ބާސާގައި އިތުރު ފަސް އަހަރު މަޑު ކުރުމަށް ދެ ފަރާތުން އެއްބަސްވެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔަ ނަމަވެސް ފަހު ވަގުތު ލަލީގާގެ ގަވާއިދު އިން ގޮތުން ބާސާގެ މުސާރައިގެ ލިމިޓު އިންތިހާ އަށް ބޮޑުވެފައިވާތީ އެ ކްލަބަށް މެސީ ރަޖިސްޓާ ނުކުރެވި އެންމެ ފަހުން ޖެހުނީ އޭނާ ދޫކޮށްލާށެވެ.