ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ވިޔަރެއާލް އިން މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޖަރުމަނުގެ ވަރުގަދަ ބަޔާން މިއުނިކް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ވިޔަރެއާލުން ބަޔާން ބަލިކުރީ 1-0 އިންނެވެ. މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ އަށް ވަނަ މިނެޓުގައި ނެދަލެންޑްސްގެ އާނައުޓް ޑަންޖޫމާއެވެ.

މެޗުގައި ބަޔާނުގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ބޮޑަށް ނުރައްކާކޮށް ފެނުނީ ވެސް ވިޔަރެއާލެވެ. ވިޔަރެއާލުން ވަނީ މިރޭ ދެ ފަހަރު ބަޔާނުގެ ގޯލު ފޫއަޅުވާލައިފައެވެ. މިޑްފީލްޑަރު ފްރަންސިސް ކޮކަލިން ޖެހި ގޯލު ރެފްރީ ބަލައިނުގަތީ ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ކޮކަލިން އޮފްސައިޑް ކަމަށް ރެފްރީ ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހުއެވެ. މެޗުގައި ވިޔަރެއާލްގެ ފޯވަޑް ޖެރާޑް މޮރޭނޯ ވެސް ގޯލެއް ޖެހުމާ ގާތަށް ދިޔައިރު، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި ދެ ޓީމު ވާދަކުރާ ކުއާޓާގެ ދެވަނަ ލެގު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ވިޔަރެއާލަށް ސެމީ އަށް ދެވޭނެއެވެ.

ރޭގެ ދެ މެޗާއެކު މުބާރާތުގެ ކުއާޓާގެ ފުރަތަމަ ލެގުތައް ވަނީ ނިމިފައެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ލިވަޕޫލުން ވަނީ ރަށުން ބޭރުގައި 3-1 އިން ބެންފީކާ ބަލިކޮށްފައެވެ. އަނެއްކޮޅުން މިދިޔަ އަހަރު ފައިނަލުގައި ކުޅުނު މެންޗެސްޓަ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފައެވެ.