މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިނިއަނޯ ރޮނާލްޑޯ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ އިނގިރޭސިވިލާތުގެ ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.

ރޮނާލްޑޯ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލީ އެންމެ ފަހުން އެވަޓަން އާއި މެންޗެސްޓަރ ބައްދަލު ކުރި މެޗަށް ފަހު ޗޭންޖިން ރޫމަށް ދަމުންނެވެ. ޗޭންޖިން ރޫމަށް ވަންނަ ޓަނަލްގެ ތެރޭގައި އޮތް ސަޕޯޓަރެއްގެ ފޯން ބިން މަތީގައި ޖަހައި އެފޯނު ހަލާކު ކޮށްލެވުނު ކަމަށް ރޮނާލްޑޯ ވަނީ އެއްބަސްވެސް ވެފައެވެ.

ރޮނާލްޑޯ ބުނީ އެކަން ކުރެވުނީތީ މާފަށް އެދޭ ކަމަށާއި އަދި ފޯނުގެ ވެރިފަރާތް މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑްޓްރޮފާޑަށް އައިސް މެޗް ބެލުމަށް ދައުވަތު ވެސް ދޭކަމަށެވެ.

އެވަޓަން ނިސްބަތްވާ މާސީސައިޑްގެ ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލު ކުރި މެޗްގައި ކުޅުންތެރިޔަކު ސަޕޯޓަރެއްގެ ފޯނު ހަލާކު ކޮށްލި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އެމައްސަލައިގެ ތަހްގީގަށް މެންޗެސްޓަރ ޔުނައިޓެޑަރ އެވަޓަންގެ އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ ފޯނު ހަލާކު ކޮށްލި މަންޒަރު ފެނުނު މީހުން ފުލުހުންނާއި މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެދިފައެވެ.

ރޮނާލްޑޯ ހަލާކު ކޮށްލީ 14 އަހަރުގެ ކުއްޖެއްގެ އަތުގައި އޮތް ފޯނެއް ކަމަށް އެކުއްޖާގެ މަންމަ މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިމައްސަލަ ފުލުހުން ތަހްގީގު ކުރި ނަމަވެސް މިމައްސަލައިގައި ރޮނާލްޑޯ އަށް ބޮޑު އަދަބެއް އައުމަކީ ދުރުކަމެކެވެ.

އެވަޓަން އަތުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑް ވަނީ ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ. އެހެންކަމުން ކުރިއަށް އޮތް ޗެމްޕިއަންސް ލީގަށް މެންޗެސްޓަރ ޔުނައިޓް ކޮލިފައި ނުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ރޮނާލްޑޯ އެޓީމް ދޫކޮށްލުން ގާތް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.