ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު ސްޕެއިންގެ ވިޔަރެއާލުން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މި ދެ ޓީމް މިދިޔަ ހަފުތާގައި ސްޕެއިންގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ވިޔަރެއާލެވެ. މިރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރު ވުމުން ވިޔަރެއާލަށް ސެމީގެ ފުރުސަތު ލިބުނީ 2-1 އެއްގެ އެގްރިގޭޓު ނަތީޖާ އަކުން ކުރިލިބުމުންނެވެ.

އެލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބަޔާނެވެ. ފުރަތަމަ ލެގުން މޮޅުވެފައިވުމުން ވިޔަރެއާލުގެ ފަރާތުން ފެނުނީ ޑިފެންސިވް ކުޅުމެކެވެ. ކައުންޓާގައި އެ ޓީމުން ބަޔާންގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބެލިއިރު އާނައުޓް ޑަންޖޫމާ އާއި ޖެރާޑް މޮރޭނޯ އަށް ލިބުނު ފުރުސަތުތައް ވީ ބޭކާރެވެ. އަނެއްކޮޅުން ފުރަތަމަ ހާފު ޑޮމިނޭޓް ކުރިނަމަވެސް މި ހާފުގައި ބަޔާނަށް ވިޔަރެއާލުގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި ބަޔާނުގެ އެޓޭކުތައް ރަނގަޅުވެގެންދިޔަ އިރު މި ހާފު ފަށައިގެން 52 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގިއެވެ. ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ތިރިތިރިން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގަ ޖެހިފައެވެ. މިއީ މި ސީޒަނުގެ މުބާރާތުގައި ލެވަންޑޯސްކީ ޖެހި 13 ވަނަ ގޯލެވެ.

ލެވަންޑޯސްކީ ބަޔާނަށް ލީޑު ނަގައިދިން އިރު އެގްރިގޭޓުން ކުރި ހޯދަން މުލާ އަށް މެޗުގެ 71 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ލިރޯއީ ސާނޭ ނެގި ހުރަހެއްގައި މުލާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ވިޔަރެއާލުން އެގްރިގޭޓް ނަތީޖާ އަނބުރާލީ މެޗުގެ 88 ވަނަ މިނެޓުގައި ސެމިއުލް ޗުކުވޭޒީ ކާމިޔާބުކުރި ގޯލުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗުކުވޭޒީ ގޯލް ޖެހީ މޮރޭނޯ ދިން ބޯޅައެއްގައި ވައައު ފައިން ޖަހައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ވިޔަރެއާލުން ސެމީގެ ފުރުސަތު ހޯދިއިރު މިއީ އެ ޓީމުން މި މުބާރާތުގެ ސެމީން ފުރުސަތު ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރު އެ ޓީމް ވަނީ ސެމީގައި ވާދަކޮށް އާސެނަލް އަތުން ބަލިވެފައެވެ.

އަންނަ މަހު ކުޅޭ މުބާރާތުގެ ސެމީ ފައިނަލުގައި ވިޔަރެއާލް ކުޅޭނީ ކުއާޓާގައި ލިވަޕޫލާއި ބެންފީކާ ވާދަކޮށް މޮޅުވާ ޓީމަކާ އެވެ. ކުއާޓާގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ވަނީ 3-1 އިން ބެންފީކާ ބަލިކޮށްފައެވެ.