ޖާމަން ބޮންޑަސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލައިޕްޒިގް އަތުން 1-3ގެ ނަތީޖާއަކުން ބަލިވެ ލީގު ގެއްލުމުގެ ބިރު ބަޔާންއަށް ބޮޑު ވެއްޖެއެވެ.

ލައިޕްޒިގް މެޗު ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ބެޔާންގެ ސާޖް ގްނެބްރީ ގޯލު ޖަހައިފައި ވަނިކޮށް ފަހަތުން އަރަ އެވެ. ލީޕްޒިގް ގޯލުތައް ދެ ވަނަ ހާފުގައި ކާމިޔާބުކޮށް ދިނީ ކޮންރަޑް ލެއިމާ އާއި ކްރިސްޓޮފާ އެންކޫކޫ އަދި ޑޮމިނިކް ޒޮބޮސްލާއިއެވެ.

ލީގު ރޭހުގައި ބަޔާންއާއި އެންމެ ވާދަވެރި ޑޯޓްމަންޑް އޮތީ އެއް ޕޮއިންޓްގެ ތަފާތުން ދެވަނައިގައެވެ. ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 33 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 32 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ.

ލީގުގައި ޑޯޓްމަންޑް މިރޭ އޯސްބާގްއާ ބަލިކޮށްގެން އެއް ވަނަ މަގާމަށް އަލުން އެރޭނެ އެވެ. ޖަރުމަނު ލީގުގައި 18 ޓީމު ވާދަކުރާތީ ކޮންމެ ޓީމަކުން ޖުމްލަ ކުޅޭނީ 34 މެޗެވެ. އެހެންވެ، ލީގު ޗެމްޕިއަންކަން ކަށަވަރުވާނީ އަންނަ ހަފްތާ ކުޅޭ ފަހު މެޗުތަކަށް ފަހު އެވެ. ކުރިއަށް އޮތް ދެ މެޗުން ޑޯޓްމަންޑް މޮޅުވެއްޖެ ނަމަ އެޓީމަށް ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.

ދިހަ އަހަރު ލީގު ހޯދައިފައިވާ ބަޔާންއިން ފަހު މެޗު ރަށުން ބޭރުގައި ނިކުންނާނީ އެފްސީ ކޮލޯންއާ ދެކޮޅަށެވެ. ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ކުޅޭނީ މެއިންޒްއާއެވެ.

ދިހަ އަހަރު ބަޔާންއިން ލީގު ކާމިޔާބު ކުރި އިރު، ހަމަ އެކަނި ލީގު ގެއްލުނީ 2012 ވަނަ އަހަރުއެވެ. އެ އަހަރު ލީގު ކާމިޔާބުކޮށްފައި ވަނީ ވާދަވެރި ޑޯޓްމަންޑުންނެވެ.

މުހިއްމު މޮޅާ އެކު ލައިޕްޒިގް މިހާރު ވަނީ ތިން ވަނަ ކަށަވަރުކޮށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފަ އެވެ. ލީޕްޒިގް ތިން ވަނަ ކަށަވަރުކުރީ 33 މެޗުން 63 ޕޮއިންޓް ހަމަކޮށްގެންނެވެ.