ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިން ހޮވާ ސޮކްރެޓެސް އެވޯޑް ބަޔާން މިއުނިކްއަށް ކުޅެމުން އަންނަ ސަޑިއޯ މާނޭ ހާސިލްކޮށްފިއެވެ.

މި އެވޯޑަކީ މުޅިން އަލަށް ފީފާ އިން ތައާރަފް ކޮށްފައިވާ އެވޯޑެކެވެ. މިއީ އިންސާނިއްޔަތަށްޓަކައި ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

އިންސާނިއްޔަތަށް އަބަދުވެސް ލޯބި ބަހައްޓަމުން އަންނަ މާނޭ މި އެވޯޑު ލިބުމުން ބުނީ އޭނާ ކުރަމުން އަންނަ މަސައްކަތް ބަލައިގަންނާތީ ފަޚުރުވެރިވާ ކަމަށާއި އަބަދުވެސް އެހީވުމުގައި އެންމެ އިސް ސަފުގައި ހުންނާނެ ކަމަށެވެ.

"އަހަރެން ހަގީގަތުގައި ވެސް ވަރަށް އުފާވެއްޖެ. އަހަންނަށް އެހީތެރިވި އެންމެންނަށް ޝުކުރުވެރިވަން. އަހަރެން އަބަދުވެސް ބަލަނީ ރަނގަޅަށް ހުރިހާ ކަމެއް ވެސް ކުރެވޭތޯ،" މާނޭ ހަފްލާގައި ވާހަކަ ދައްކަމުން ބުންޏެވެ.

މާނޭ އޭ ބުނެފިނަމަ ފުޓްބޯޅައަށް ސަޕޯޓްކުރާ އެންމެންވެސް އިއްތިފާގު ވާނީ އެއީ މަޝްހޫރު ކުޅުންތެރިންނާ މުޅިން ތަފާތު ސްޓައިލެއްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެއީ އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުންނެވެ. މާނޭގެ އާންމު ދިރިއުޅުމާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ އާންމު ދިރިއުޅުމާ ވަރަށް ތަފާތެވެ.

ފުޓްބޯޅަ ކުޅެގެން މާނޭއަށް ލިބޭ އާމްދަނީ މުޅިންހެން ހޭދަ ކުރަނީ އޭނާގެ އުފަން އަވަށުގެ އިތުރުން ސެނެގާލްގެ އެކި އަވަށްތަކުގެ ހާލަތު ރަނގަޅުކުރުމަށެވެ. މަޝްހޫރު އެހެން ކުޅުންތެރިން އަގުބޮޑެތި ކާރުތަކާއި ލަގްޒަރީ ގެތައް ގަތުމަށް ޚަރަދުކުރިނަމަވެސް މާނޭ މުޅިން ތަފާތެވެ. މުސާރައިގެ ގޮތުގައި މާނޭއަށް އަހަރަކު ގާތްގަނޑަކަށް 14 މިލިއަން ޑޮލަރު ލިބޭއިރު، މުސާރައިގެ ބޮޑުބައެއް ހޭދަކުރަނީ ސެނެގާލްގެ އެކި އަވަށްތަކުގައި ދިރިއުޅެމުންދާ ފަގީރުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށެވެ.

މާނޭ ނިސްބަތްވާ ބަމްބަލީ އަވަށުގައި އެންމެ ފުރަތަމަ ހޮސްޕިޓަލެއް ހުޅުވާފައިވަނީ މާނޭ ޚަރަދުކޮށްގެންނެވެ. މި ހޮސްޕިޓަލް އަޅައި ނިންމުމަށް މާނޭ ވަނީ 450،000 ޕައުންޑް ޚަރަދުކޮށްފައެވެ. މާނޭ އަކީ އިސްލާމް ދީނަށްވެސް ލޯބިކުރާ ދީނީ ވާޖިބުތައް އަދާކުރުމުގައިވެސް ވަރަށް ފަރުވާތެރި ކުޅުންތެރިއެކެވެ. މިއީ ހުޅަނގުގެ މީޑިއާތަކުންވެސް ފާހަގަކުރަމުން އަންނަ ކަންތައްތަކެވެ.

މީގެ އިތުރުން މާނޭ އަކީ މިއަހަރުގެ ބެލަންޑިއޯ އެވޯޑް ހާސިލް ކުރި ރެއާލުގެ ކަރީމް ބެންޒެމާއާ އާއި އެއް ހަމައެއްގައި ވާދަކުރި ކުޅުންތެރިޔާއެވެ. އޭނާ އޮތީ ބެލަންޑިއޯ ލިސްޓުގެ ދެވަނައިގައި ކުޑަ ފަރަގަކާއެކުއެވެ.

ރޭގެ ހަފުލާގައި 2022 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިން އާއި ބާސެލޯނާގެ ޒުވާން ތަރި ޕަބްލޯ ގަވީރާއެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ޗެމްޕިއަންސް ލީގު ރެއާލަށް ނަގައިދިން ތިބޯޓް ކޯޓުއާ އެވެ. ދުނިޔޭގެ އެންމެ މޮޅު ސްޓްރައިކަރަކަށް ހޮވުނީ ރޮބާޓް ލެވަންޑޮސްކީއެވެ. 2020/2021 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގައި ލެވަންޑޮސްކީ ވަނީ ބަޔާން އާއިއެކު ޔޫރަޕުގެ ގޯލްޑަން ބޫޓު އެވޯޑްވެސް ކާމިޔާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުޙްތެއް

    ސާބަހޭ މާނޭ..އުއްްމަތަށް ބޭނުންވަނީ މިކަހަލަ ހަރުދަނާ ޒުވާނުން..ތަނަވަސްކަން ލިބުނީމަ އޭގެ ބޭނުން މިކަހަލަ ގޮތަކަށް އެންމެ ފުރިހަމަ ގޮތުގަ ހިފާނީ ވ.ވެސް މަދު މީހަކު..މާތްﷲ މާނޭގެ މުދަލުގަ ބަރަކާތް ލައްވާށި. ޢަދި ދެދުނިޔޭގަވެސް ބާއްޖަވެރި ދިރިއުޅުމެއް މިންވަރުކުރައްވާށި..އާމީން

    19
  2. އަލީ

    މާނޭއަކީ އިންސާނިއްޔަތު ކަމުގެ ލާމަސީލު މިސާލެއް. މާނޭގެ ކޮންމެ ޚަބަރެއް ކިޔަނީ ވަރަށް ކިޔާހިތުން. މާނޭއަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން.

    17
  3. ނަބާ

    މިފެންނަނީ ޙަޤީޤީ މުސްލިމުނަނަކީ ، ތިމާ އަށް ލިބޭ ކޮންމެ އުފަލެއްގައި އަނެއް މީހާ ބައިވެރި ކުރާނީ ހާދަ ޙުލްޤު ހެުޔޮ މީހުންނޭ! މާތް ﷲ މާނޭގެ މުދަލުގައި ބަރަކާތް ލައްވައި ގިނައިން މުދާ ދެއްވާށި ! އާމީން

    12
    • ގައިދުރު

      ބިލްގޭޓްސް ޔޯ

  4. އާދަމް

    "ލަފާ އިންސާނަކަށް ވާނީ ނިފާޤުން ދުރުވެފާ ވަންޏާ
    ލަފާ މީހުންގެ ބަހުގާވާ ނަފާ ދުނިޔޭން މި ހޯދަންޏާ"

    މިތާ ތުންފަތްތަކެއް ވިޔަކަސް، އަޅާ ގިނަ ލޯތަކެއް ވިޔަކަސް
    ފޮތާ ހެޔޮބުއްދި ދައްކައިދޭ، ޔަޤީނުން ޙައްޤުގައި ވަންޏާ"

    މާތް ﷲ މާނޭއަށް ފުރިހަމަ ޞިއްޙަތަކާއި، އިޚްލާސްތެރިކަމާއި ނަމޫނާ އަޚްލާޤެއް ގެ ވެރިޔަކު ކަމުގައި ލައްވައި މުދަލުގައި ބަރަކާތްލެއްވާށި. އާމީން.