ބަޔާން މިއުނިކްގެ ފޯވާޑް ސަޑިއޯ މާނޭ ސައުދީ އަރަބިއްޔާ އަށް ގެންދިއުމަށް ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ޝައުގުވެރިވާ ކަމަށް ބުނެފިއެވެ.

ސައުދީ ލީގުން އެ ލީގު ވަރުގަދަކުރުމަށް ގިނަ އަދަދެއްގެ ކުޅުންތެރިން ގެންދިޔުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ކަރީމް ބެންޒެމާވެސް މިހާރު ކުޅެމުން އަންނަނީ ސައުދީ ލީގުގެ ކުލަބަކަށެވެ.

އުމުރުން 31 އަހަރުގެ މާނޭ މިވަގުތު ކުޅެމުން އަންނަނީ ޖަރުމަނުގެ ބަޔާން މިއުނިކަށެވެ. މާނޭ ބަޔާން އަށް ބަދަލުވީ 41 މިލިއަން ޔޫރޯގެ އަގަކަށް ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

2016 އިން ފެށިގެން 2022އާ ހަމައަށް ލިވަލޫލްގައި ކުޅުމަށްފަހު، ބަޔާންއަށް މާނޭ ބަދަލުވިފަހުން ވަނީ ކަކުލަށް ބޮޑު އަނިޔާއެއް ކުރިމަތިވެފައެވެ. އެހެންކަމުން މި ސީޒަންގެ ގިނަ މެޗުތަކެއް އޭނާއަށް ވަނީ ގެއްލިފައެވެ.

ސެނަގާލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މާނޭގެ މަންޒިލެއްގެ ގޮތުގައި ޕީއައިއެފް އިން ކަނޑައަޅާފައިވަނީ އަލް އިއްތިފާގެވެ. އެއީ ސައޫދީ ޕްރޯ ލީގުގެ ކުލަބުން އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވާތީއެވެ. ނަމަވެސް ސައުދީ ސޮވަރިން ވެލްތް ފަންޑުން ބުނެފައި ވަނީ މާނޭ ބޭނުން ކޮންމެ ކުލަބަކާ ގުޅެން މަރުހަބާ ކިޔާ ކަމަށެވެ.

އަލް އިއްތިފާގު ޓީމުން ދަނީ ކޯޗަކަށް ސްޓީވެން ޖެރާޑް ގެނައުމަށްވެސް މަސައްކަތް ކުރަމުންނެވެ. ޖެރާޑް ހުރީ މިދިޔަ އޮކްޓޫބަރު މަހު އެސްޓަން ވިލާގެ ކޯޗު ކަމުގެ މަޤާމުން ވަކިކުރި ފަހުން އެއްވެސް ޓީމަކާ ހަވާލުނުވެއެވެ. ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖެރާޑް އަލް އިއްތިފާގް އާ ހަވާލުވެއްޖެނަމަ އެ ޓީމަށް މާނޭ ގެންނަން އިތުރަށް ފަސޭހަ ވާނެކަމަށް ބެލެވެއެވެ.