ސެނެގާލްގެ ފޯވާޑް، ސަޑިއޯ މާނޭގެ ކަކުލަށް ލިބުނު އަނިޔާ އިން ސަލާމަތްވުމަށް އޮޕަރޭޝަންކޮށްފައި ވާތީ މި ފަަހަރުގެ ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު އެއްކޮށް ގެއްލިއްޖެއެވެ.

މާނޭގެ ކަކުލަށް އަނިޔާވީ މި މަހު އަށް ވަނަ ދުވަހު، ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލު ކުރި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި މާނޭ އަށް އަނިޔާވެގެން ބަދަލު ކުރިއެވެ.

ސެނެގާލްގެ ފުޓްބޯޅަ އިދާރާ އިން ފުރަތަމަ ބުނީ މުބާރާތުގައި ސެނެގާލް ކުޅޭ ފުރަތަމަ މެޗުގައި މާނޭ 30، އަށް ނުކުޅެވޭނެ ކަމަށެވެ. އަދި މިއުނިކާއި އޮސްޓްރިއާގައި ހެދި ޓެސްޓްތަކުން ފުރަތަމަ ދެއްކީ މާނޭ އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ ކަމަށެވެ. އެކަމަކު، އެންމެ ފަހުން ހެދި އެމްއާރުއައި ސްކޭން އިން ދެއްކި ގޮތުގައި މާނޭ ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްގެންނެވެ.

އަދި އެ އޮޕަރޭޝަން ކާމިޔާބު ކަން ބުރާސްފަތި ދުވަހު ބަޔާން އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް އެންމެ ފުރަތަމަ ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. ގްރޫޕް އޭގައި ސެނެގާލް އާއި ނެދަލެންޑްސް އާ އެކުގައި ދެން ހިމެނެނީ ގަތަރާއި އިކުއެޑޯއެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި މާނޭ، ވޯލްޑް ކަޕް ސްކޮޑުގައި ނެތުމަކީ ސެނެގާލް ޓީމަށް ލިބޭނެ ފޫނުބެދޭ ވަރުގެ ގެއްލުމެކެވެ. އެނެމް ފަހުން ބޭއްވި އެފްރިކަން ނޭޝަންސް ކަޕްގެ ޗެޕްޕިއަން ކަން ސެނެގާލް އަށް ހޯދައި ދިނުމުގައި މާނޭ މުހިންމު ދައުރެއް އަދާކުރިއެވެ.

މާނޭ އަކީ އެންމެ ފަހުގެ ބެލަންޑިއޯ އެވޯޑް ހާސިލް ކުރި ރެއާލުގެ ކަރީމް ބެންޒެމާއާ ޖެހިގެން ދެ ވަނަ އަށް ވާދަ ކުރި ކުޅުންތެރިޔާއެވެ. މާނޭ ވަނީ ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިން ހޮވާ ސޮކްރެޓެސް އެވޯޑް ވެސް ކާމިޔާބު ކޮށްފައެވެ.