ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ އަތުން 3-0 އިން ބަޔާން މިއުނިކް ބަލިވި މެޗަށް ފަހު ބަޔާންގެ ވިންގަށް ކުޅެމުން އަންނަ ލެެރޯއީ ސާނޭ އަށް ހަމަލާ ދިން އެ ޓީމުގެ ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ އެއް މެޗަށް ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ.

ޖަރުމަންގެ ގައުމީ ޓީމުގައި ހިމެނޭ ސާނޭ އަނގަ މަތީގައި މާނޭ ޖެހީ މެޗު ނިމުމުން ޗޭންޖިން ރޫމްގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ދެ ކުޅުންތެރިން ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެކަން ހުއްޓުވީ އެވަގުތު އެ ތަނުގައި ތިބި ކުޅުންތެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ހަމަނުޖެހުން ހުއްޓުވުމުގެ ކުރިން ސާނޭ، ޗޭންޖިން ރޫމުން ނެރުނު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މާނޭ ސަސްޕެންޑް ކުރުމާ ގުޅިގެން ބަޔާން އިން ހޮފެއިންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި މާނޭ ނުފެންނާނެއެވެ. އެކަމަކު، ބަޔާން އިން އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި މާނޭ ބައިވެރިވެފައިވެއެވެ.

އަހަރަކު 17 މިލިއަން ޕައުންޑްގެ މުސާރައެއް ލިބޭ އުމުރުން 31 އަހަރުގެ މާނޭ ސަސްޕެންޑްކުރުމުގެ އިތުރުން ޖޫރިމަނާ ވެސް ކުރިއެވެ. އެކަމަކު، އޭނާ ޖޫރިމަނާކޮށްފައި ވަނީ ކިހާ އަދަދެއްގެ ފައިސާއަކުން ކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ސާނޭ އާއި މާނޭއާ ދެމެދު މެޗުގެ ތެރެއިން ވެސް ޒުވާބުތަކެއް ހިނގިއެވެ. އަދި މެޗު ނިމިގެން ޗޭންޖިން ރޫމަށް ދިޔަ ގަޑީގައި ވެސް ދެ ކުޅުންތެރިން ޒުވާބް ކުރި ތަން ފެނިފައިވެއެވެ.

މާނޭ ވަނީ މި ސީޒަންގައި ބަޔާނަށް 32 މެޗު ކުޅެދީ، 11 ގޯލް ޖަހައިފައެވެ. ލިވަޕޫލުގައި މޮޅަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދި މާނޭ މި ސީޒަނަށް ފަހު، ބަޔާން ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

މާނޭ އަށް ދާދި ފަހުން ކުރިމަތިވި އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ވެސް ގެއްލިފައިވެއެވެ. އަދި ބަޔާން ކުޅުނު މުހިންމު މެޗުތަކުގައި ވެސް އޭނާ އަށް ކުޅެވިފައެއް ނުވެއެވެ.