ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޕޯޗުގަލްގެ ބެންފީކާ ކަޓުވާލުމަށްފަހު ލިވަޕޫލުން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިދިޔަ ހަފުތާގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ވަނީ 3-1 އިން ބެންފީކާ ބަލިކޮށްފައެވެ. ރޭ އެންފީލްޑުގައި ކުޅުނު ދެވަނަ ލެގު 3-3 އިން އެއްވަރުވިއިރު، އެގްރިގޭޓުން ލިވަޕޫލް ކުރިހޯދީ 6-4 އިންނެވެ.

ލިވަޕޫލުން ރޭގެ މެޗާ ކުރިމަތިލީ ގިނަ ބަދަލުތަކާއެކު އެވެ. މުހިއްމު ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހު އާއި ސާޑިއޯ މާނޭ ބެންޗުން މެޗު ފެށިއިރު ޑިފެންސްގައި އާންމުކޮށް ކުޅޭ ވާޖިލް ވެން ޑައިކާއި އަލެކްސަންޑާ އާނޯލްގެ އިތުރުން އެންޑްރޫ ރޮބަޓްސަން އަށް ރޭގެ މެޗުގައި ޔާގަން ކްލޮޕް ފުރުސަތު ދީފައެއް ނުވެ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑުނަގައިދިނީ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އެވެ. ފުލްބެކް ކޮސްޓާސް ސިމިކާސް ނެގި ކޯނަރަކުން ކޮނާޓޭ ގޯލް ޖެހީ ބޮލުންނެވެ. ކޮނާޓޭ ވަނީ ފުރަތަމަ ލެގުގައިވެސް ބެންފީކާ ކޮޅަށް ގޯލް ޖަހައިފައެވެ.

ކޮނާޓޭގެ ގޯލަށްފަހު މާގިނައިރެއް ނުވަނީސް ބެންފީކާ އިން ގޯލެއް ޖެހި އެވެ. އެހެންނަމަވެސް އެ ޓީމުގެ ފޯވަޑް ޑާވިން ނޫނޭޒް ކާމިޔާބުކުރި ގޯލް ބަލައިނުގަންނަން ރެފްރީ ނިންމީ އޭނާ ހުރީ އޮފްސައިޑުގައި ކަމަށް ވީއޭއާރުން ނިންމުމުންނެވެ. ބެންފީކާ އިން މެޗުގެ ނަތީޖާ އެއްވަރު ކުރީ 31 ވަނަ މިނެޓުގައި ގޮންކާލޯ ރާމޮސް ޖެހި ގޯލުންނެވެ.

ލިވަޕޫލްގެ ދެވަނަ އަދި ތިންވަނަ ގޯލް ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ. ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޑިއޭގޯ ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ފިރްމީނޯ އޭނާގެ ފުރަތަމަ ގޯލް ޖެހިއިރު ދެވަނަ ގޯލް ޖެހީ މެޗުގެ 65 ވަނަ މިނެޓުގައި ސިމިކަސް ނަގައިދިން ހިލޭ ޖެހުމަކުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ލިވަޕޫލް ދެ ގޯލުގެ ލީޑެއްގައި އޮއްވާ ބެންފީކާ އިން އެއްވަރު ކުރީ ދިހަ މިނެޓު ތެރޭ ދެ ގޯލް ޖަހައިގެންނެވެ. ބެންފީކާގެ ދެވަނަ ގޯލް މެޗުގެ 72 ވަނަ މިނެޓުގައި ޖެހީ ދެ ވަނަ ހާފުގައި ކުޅެން އެރި ރޯމަން ޔަރެމްޗުކް އެވެ. އޭގެ ފަހުން މެޗުގެ 82 ވަނަ މިނެޓުގައި ބެންފީކާ އަށް ނަތީޖާ އެއްވަރުކޮށްދިނީ އުރުގުއޭ ފޯވަޑް ނޫނޭޒް އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ލިވަޕޫލް ކުޅެން ޖެހޭނީ ވަރުގަދަ ބަޔާން މިއުނިކް ކަޓުވާލި ސްޕެއިނުގެ ވިޔަރެއާލާ ދެކޮޅަށެވެ.

މެންޗެސްޓަ ސިޓީން ސެމީ އަށް ދަތުރު ކުރީ އެތްލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު އެވެ. އެތިހާދުގައި ކުޅުނު ފުރަތަމަ މެޗުން 1-0 އިން ސިޓީ ވަނީ މޮޅުވެފައެވެ. އެގްރިގޭޓުން ސިޓީ އަށް ކުރިލިބުނީ މިރޭ އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރު ވުމުންނެވެ.