ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުގެ މައްޗަށް ކުރިހޯދައި މެންޗެސްޓަ ސިޓީން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު މެންޗެސްޓަ ސިޓީން ވަނީ މިދިޔަ ހަފުތާގައި އަމިއްލަ ދަނޑުގައި ކުޅެ 1-0 އިން އެތްލެޓިކޯ ބަލިކޮށްފައެވެ. އެގްރިގޭޓުން ސިޓީ އަށް ކުރިލިބުނީ މިރޭ އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރު ވުމުންނެވެ.

އެތްލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި މިރޭ ކުޅުނު ދެވަނަ ލެގުގެ ފުރަތަމަ ހާފުގައި ސިޓީގެ ޖަރުމަނު މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ ބޮޑު ބައެއް ސްލޯ ޓެމްޕޯއެއްގައި ދިޔައިރު ދެވަނަ ހާފުގައި އެތްލެޓިކޯ އިން ވަނީ އެޓޭކަށް ކުޅުންތެރިން އަރުވައިގެން ގޯލެއް ޖެހޭތޯ މަސަތްކަތްކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާޖެންޓީނާގެ ރޮޑްރިގޯ ޑެ ޕައުލް ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މިރޭގެ މެޗު ނިމެން ގާތްވެފައި ވަނިކޮށް ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެތްލެޓިކޯގެ ޑިފެންޑަރު ފެލިޕެ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފައެވެ. މެޗުގެ އިތުރު ވަގުތުގައި ރެފްރީ ވަނީ ސިޓީގެ ހަތަރު ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކައިފައެވެ. އިތުރު ވަގުތުގައި ރެފްރީ ނުވަ މިނެޓު ދެއްކި އިރު ސިޓީގެ ރަހީމް ސްޓާލިންގް އަށް ގޯލް ޖަހަން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ޔަން އޮބްލަކް ވަނީ މަތަކޮށްފައެވެ. އަނެއްކޮޅުން މެޗުގެ ފަހު ވަގުތު ކޮޅުގައި އެތުލެޓިކޯގެ އެންހެލް ކޮރޭއާ ޖެހި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ސިޓީ ކުޅެން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކަޓުވާލި ރެއާލް މެޑްރިޑާ އެވެ. ސެމީގެ ދެވަނަ މެޗުގައި ލިވަޕޫލް ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.