ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންފާޓުން ސްޕެއިންގެ ގަދަބާރު ބާސެލޯނާ ކަޓުވާލައިފިއެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި މި ދެ ޓީމު ޖަރުމަނުގައި ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގައި ރޭ ކޭމްޕް ނައުގައި ފްރޭންފާޓުން ވަނީ 3-2 އިން ބާސާ ބަލިކޮށް 5-4 ގެ އެގްރިގޭޓުން ކުރިހޯދައި މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފައެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ފްރޭންފާޓުން ވަނީ ގޯލް ޖަހައި ލީޑު ނަގައިފައެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މި ގޯލް ފްރޭންފާޓަށް ކާމިޔާބުކޮށްދިނީ ފިލިޕް ކޮސްޓިޗް އެވެ. ކޮސްޓިޗް ގޯލް ޖެހީ އޭރިއާ ތެރެއިން ބާސާގެ ޑިފެންޑަރު އެރިކް ގާސިއާ ފްރޭންފާޓުގެ ކުޅުންތެރިއަކަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެއްގަ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި ކޮސްޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ރަފައެލް ސަންޓޯސް ބޯރޭ ވަނީ ގޯލް ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރޭންފާޓަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

ފްރޭންފާޓުން ތިންވަނަ ގޯލް ޖެހީ 67 ވަނަ މިނެޓުގަ އެވެ. މި ގޯލް އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ގޯލް ވެސް ޖަހައިދިން ކޮސްޓިޗް އެވެ.

ފްރޭންފާޓުން ތިން ގޯލުގެ ލީޑެއް ނެގުމުން ބާސާ އިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ގިނަ އެޓޭކުތަކެއް ކުރެވޭތޯ މަސަތްކަތް ކޮށްފައެވެ. މެޗުގެ 84 ވަނަ މިނެޓުގައި ބާސާގެ ސާޖިއޯ ބުސްކެޓްސް ގޯލެއް ޖެހިނަމަވެސް ވީއޭއާރުން ނިންމީ އެއީ އޮފްސައިޑް ގޯލެއް ގޮތުގައެވެ. ބުސްކެޓްސްގެ މި ގޯލް ބަލައިނުގަންނަން ރެފްރީ ނިންމި ނަމަވެސް އޭނާ ވަނީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ގޯލެއް ޖަހައިފައެވެ.

އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ފޯވަޑް މެންފިސް ޑިޕާއީ ވަނީ ޕެނަލްޓީ އަކުން ބާސާގެ ދެވަނަ ގޯލް ޖަހައިފައެވެ. ޑިޕާއީގެ ގޯލުން ބާސާ އިން ފަރަގު ކުޑަ ކުރި ނަމަވެސް އިތުރު ވަގުތުގައި ރެފްރީ ދެއްކީ ނުވަ މިނެޓު ކަމުން ތިންވަނަ ގޯލެއް ޖަހަން ބާސާ އަކަށް ފުރުސަތެއް ނުލިބެއެވެ.

ޔުރޮޕާ ލީގުން ކެޓުމުން ބާސާ އިން މިސީޒަން ނިންމާލަން ޖެހޭނީ ތައްޓެއް ކާމިޔާބު ނުކުރެވި އެވެ. ސްޕެނިޝް ކަޕުން ވެސް ބާސާ ކަޓާފައިވާއިރު ލީގުގައި އެ ޓީމު އޮތީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ 12 ޕޮއިންޓް ފަހަތުގައެވެ.