މެންޗެސްޓަ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވާން އުޅޭ އެރިކް ޓެން ހާގުގެ ޕްލޭނުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުނައިޓެޑުގެ ކޯޗަކަށް މިވަގުތު ނެދަލެންޑްސްގެ އަޔެކްސްއާ ހަވާލުވެގެން ހުރި ޓެން ހާގު ހަމަޖެއްސުމުގެ ހުރިހާ ކަމެއް ނިމި އޭނާ ވަރަށް އަވަހަށް ޔުނައިޓެޑާ ހަވާލުވާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުނައިޓެޑާ ހަވާލުވުމަށް ޓެން ހާގު އާއި ޔުނައިޓެޑާ ދެމެދު ވަނީ އަނގަ ބަހުން އެއްބަސްވެފައެވެ. ބާކީ އޮތީ ހަމައެކަނި އެގްރީމެންޓުގައި ސޮއި ކުރުމާއި އަޔެކްސް ދޫކޮށްލުމަށް ކުރަން ޖެހޭ ކަންތައް ކުރުމެވެ. ރިޕޯޓުތައް ބުނާގޮތުގައި ޔުނައިޓެޑުގެ ކޯޗަކަށް ޓެން ހާގު ރަސްމީކޮށް ހަމަޖައްސާނީ ޑަޗް ކަޕްގެ ފައިނަލްގައި ޕީއެސްވީ އެއިންދޯވަންއާ ދެކޮޅަށް އަޔަސްކް އާދިއްތަ ދުވަހު ކުޅޭ މެޗުގެ ފަހުންނެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިވަގުތު ޔުނައިޓެޑުގެ ކޮންޓްރެކްޓުގައި ތިބި ކުޅުންތެރިންގެ ތެރެއިން ޓެން ހާގް އެކުލަވާލާ ސްކޮޑުން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތެއް ނެތެވެ. އޭގެ ތެރޭގައި ރޮނާލްޑޯ ވެސް ހިމެނެ އެވެ. ޓެން ހާގަކީ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިސްކަންދޭ ކޯޗެއް ކަމުން އޭނާގެ ޕްލޭނުން ރޮނާލްޑޯ އުނިކުރުމަކީ ޓެން ހާގް ދެކޭ ގޮތުގައި ދުރު ރާސްތާ އަށް ބަލާފައި ޔުނައިޓެޑަށް އެންމެ ރަނގަޅު ގޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރު ޔުނައިޓެޑާ ގުޅުނު ރޮނާލްޑޯ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. އެހެންނަމަވެސް ޓެން ހާގުގެ ޕްލޭނުގައި ރޮނާލްޑޯ ނެތުމުން ޓްރާންސްފާ ބާޒާރު ހުޅުވުމާއެކު އޭނާ ވިއްކާލަން ޔުނައިޓެޑުން ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ޔުނައިޓެޑާ ގުޅުނު ފަހުން ރޮނާލްޑޯ ވަނީ މުޅިއެކު 18 ގޯލް އެ ޓީމަށް ޖަހައިދީފައެވެ. އެހެންނަމަވެސް، އުމުރުން 37 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑުގެ ފުޓްބޯޅަ ވައްޓަފާޅިއާ މިހާރު ނުގުޅޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުންތައް އޭނާ އަށް ކުރިމަތިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެން ލަލަލަ

    ޕިސް ޕިސް ޕިސް.....އަހަރެމެންގެ ރޮނާލްޑޯ މީނައަށް ކީއްކުރީތަ މީނަ އަނގަ ތަޅަން....ބަލަ ކަލޭގެ ޕުލޭންގަ ރޮނާލްޑޯ ނުހިމެނުނަކަސް ވާނެ އެއްކަމެއްވެސް ނޯންނާނެ...އިނގިއްޖޭ..

  2. ޕޮގުބާ

    ރޮނާލްޑޯ އަށް ހީނުވާނެ ކެހެރި ވަކެކޭވެސް