އިނގިރޭސި އެފްއޭ ކަޕުގެ ސެމީގައި ވާދަވެރި މެންޗެސްޓަ ސިޓީ ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ވެމްބްލީގައި ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-2 އިންނެވެ.

މި މެޗާ ސިޓީން ކުރިމަތިލީ ގިނަ ބަދަލުތަކާއެކު އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާގައި އެތްލެޓިކޯއާ ވާދަކުރި މެޗުގައި އަނިޔާގެ ސަބަބުން ބަދަލުކުރި ކެވިން ޑި ބްރައިނާ އާއި ކައިލް ވޯކާ މި މެޗުގައި ނުކުޅެއެވެ. ޕެޕް ގާޑިއޯލާ ވަނީ މެޗުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނިގެން ކުޅޭ އެއްވަނަ ކީޕަރު އެޑަސަން މޯރެސްގެ ބަދަލުގައި ޖެކް ސްޓެފަން އަދި ރޮޑްރީގެ ބަދަލުގައި ފެނަންޑީނިއޯ އަދި އައިމެރިކް ލަޕޯޓުގެ ބަދަލުގައި ނޭތަން އަކޭ އަށް ރޭގެ މެޗުގައި ފުރުސަތު ދީފައެވެ.

ވަރުގަދަ ފުރަތަމަ އެގާރައަކާއެކު ނުކުތް ލިވަޕޫލުން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑެއްގައެވެ. ފުރަތަމަ ހާފުގައި ސިޓީ އަށް އެއްވެސް ގޮތަކަށް ނުކުޅެވުނުއިރު މި ހާފު މުޅިންހެން ޑޮމިނޭޓް ކުރީ ލިވަޕޫލެވެ. ލިވަޕޫލުން ލީޑު ނެގީ ނުވަ ވަނަ މިނެޓުގައި ޑިފެންޑަރު އިބްރާހިމް ކޮނާޓޭ ބޮލުން ޖެހި ގޯލުންނެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ސިޓީގެ ފަހަތުން ކީޕަރު ސްޓެފަން ހެދި ގޯހެއްގެ ފައިދާ ނަގައި ލިވަޕޫލްގެ ސަޑިއޯ މާނޭ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. ފަހަތުން ޕްރެޝަރު ބޮޑުވެ ޑިފެންޑަރު ޖޯން ސްޓޯންސް ސްޓެފަން އަށް ދިން ބޯޅަ ފޮނުވާނުލެވި އުޅެނިކޮށް މާނޭ ވަނީ ޓެކުލްކޮށް ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތިއާގޯ އަލްކަންޓާރާ ދިން ހިތްގައިމު ބޯޅައެއްގައި މާނޭ ވަނީ އޭނާގެ ދެވަނަ ގޯލް ޖަހައި ލިވަޕޫލްގެ ލީޑު ތިން ގޯލަށް ފުޅާކޮށްދީފައެވެ. އޭރިއާ އަރިމަތިން ހެން ތިއާގޯ ދިން ބޯޅަ މާނޭ ގޯލުގެ ތިރީ ކަނަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ގެބްރިއެލް ޖިސުސް ދިން ބޯޅައެއްގައި ޖެކް ގްރީލިޝް ޖެހި ގޯލުން ސިޓީން އުއްމީދު އާކުރި އެވެ. އޭގެ ފަހުން 70 ވަނަ މިނެޓުގައި ގޯލެއް ޖަހަން ޖިސުސް އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ލިވަޕޫލްގެ އަލިސަން ބެކާ ވަނީ ޖިސުސްގެ އެ ހަމަލާ މަތަކޮށްފައެވެ. ދެ ވަނަ ގޯލެއް ޖަހަން ސިޓީން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގަ އެވެ. މިއީ ލިވަޕޫލް ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ރިޔާދު މާރޭޒް ދިން ބޯޅައަކުން ބެނާޑޯ ސިލްވާ ޖެހި ގޯލެކެވެ.

އެފްއޭ ކަޕުން ސިޓީ ކެޓިއިރު އެ ޓީމަށް ބާކީ ދެން އޮތީ ޕްރިމިއަ ލީގާއި ޗެމްޕިއަންސް ލީގެވެ. ލީގުގެ އެއްވަނައިގައި ސިޓީ އޮތްއިރު ޗެމަޕިއަންސް ލީގުގެ ސެމީގައި ސިޓީ ކުޅޭނީ ރެއާލް މެޑްރިޑާ އެވެ. އަނެއްކޮޅުން، ރޭގެ މެޗު ކާމިޔާބުކުރި ލިވަޕޫލުން މިސީޒަނުގައި ކުއާޑްރަޕަލް ހާސިލްކުރަން ކުރަމުން އަންނަ ހުވަފެނުގައި ވަނީ ކުލަ ޖެހެން ފަށައިފައެވެ. ލިވަޕޫލުން ވަނީ މިސީޒަނުގެ ކަރަބައު ކަޕް ކާމިޔާބުކޮށްފައެވެ. ސިޓީގެ ފަހަތުން ލީގުގެ ދެވަނައިގައި އެ ޓީމު އޮތްއިރު ޗެމްޕިއަންސް ލީގުގައި ވެސް ލިވަޕޫލް އޮތީ ވަރުގަދަކޮށެވެ. ޗެމްޕިއަންސް ލީގުގެ ސެމީގައި ލިވަޕޫލް ކުޅޭނީ ވިޔަރެއާލާ އެވެ.