ފަހަކަށް އައިސް ގޯލް ޖެހުމުގައި ލިވަޕޫލްގެ ފޯވަޑް މިސްރުގެ މުހައްމަދު ސަލާހު އަށް ކުރިމަތިވެފައިވާ މައްސަލަތަކާ މެދު ކަންބޮޑުނުވާ ކަމަށާއި ސަލާހު ސީޒަން ނިންމާލާނީ ވަރުގަދަ ކޮށް ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފިއެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ސެނެގަލްއާ ކުޅެ މިސްރު ބަލިވި މެޗައްފަހު މުހައްމަދު ސަލާހުގެ ކުޅުމަށް ވަނީ ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައެވެ. އޭގެ ކުރިން ސަލާހު އައީ މިސީޒަނުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައި ގިނަ ގޯލްތަކެއް ޖަހަމުންނެވެ. އެފްރިކާ ބައްރުގެ ބޮޑު މުބާރާތުގެ ފައިނަލުން ބަލިވުމަށްފަހު މިސްރު ޖާޒީގައި ސަލާހު އަށް އަނެއްކާ ލޮޅުމެއް އައީ ވޯލްޑް ކަޕް ކޮލިފައިންގައި ސެނެގަލް އަތުން ބަލިވެ މުބާރާތަށް ކޮލިފައިނުވެ ކަޓައިގެން ދިއުމުންނެވެ.

މިސީޒަނުގައި ސަލާހު ވަނީ ލިވަޕޫލަށް މުޅިއެކު 28 ގޯލް ޖަހައިފައެވެ. އެހެންނަމަވެސް އެއީ މިދިޔަ ފެބްރުއަރީ މަހުގެ ކުރިން ޖަހާފައިވާ ގޯލްތަކެވެ. އެންމެ ފަހުން ސަލާހު އޯޕަން ޕްލޭ އެއްގައި ގޯލް ޖަހާފައިވަނީ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ. ލިވަޕޫލް އަށް އެންމެ ފަހުން ކުޅެދިން 10 މެޗުގައި ސަލާހު ޖެހި 3 ގޯލް ވެސް ޖަހާފައިވަނީ ޕެނަލްޓީ އިންނެވެ.

ސަލާހުގެ ދަށްވެފައިވާ "ފޯމް" ގެ ވާހަކަ ދައްކަމުން ޔާގަން ކްލޮޕް ބުނީ އެއީ މާ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިދިޔަ ޖެނުއަރީ ވެގެންދިޔައީ ސަލާހުގެ ކެރިއަރުގައި ވެސް އައި އެންމެ ބާރު ބޮޑު ދުވަސްވަރަށް. އެފްރިކަން ކަޕާ ހެދި. މިސްރު ދިޔަ އެ މުބާރާތުގެ ފައިނަލަށް. ކޮންމެ މެޗެއްގައިހެން 120 މިނެޓު ސަލާހު ކުޅުނު. އޭނާގެ ކޮނޑުގައި އެޅިފަ އޮތް ޒިންމާ ވަރަށް ވެސް ބުރަ. ފުޓްބޯޅަ ތަރި އަކަށް ވެ ހުރެ ގައުމުގެ އެންމެންގެ އުއްމީދު ގުޅިފައިވާ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ސަލާހު އަށް އެ ކުރިމަތިވާ ޕްރެޝަރު އަހަންނަށް އެނގޭ. އަހަންނަށް ޔަގީންކަމާއެކު ބުނަން ކެރޭ އެއްޗަކީ ސަލާހު ސީޒަން ނިންމާލާނީ ވަރުގަދަކޮށް. އޭނާގެ ފޯކަސް ހުރީ ރަނގަޅަށް،" ކްލޮޕް ބުންޏެވެ.

ސަލާހު އަށް ގޯލް ޖެހުމުގައި މައްސަލަތަކާ ކުރިމަތިވިޔަސް އޭނާގެ ބަދަލުގައި ލިވަޕޫލްގެ އެހެން ކުޅުންތެރިން ވަނީ ޕަފޯމް ކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ޕޯޗުގަލްގެ ބެންފީކާ ބަލިކޮށް މުބާރާތުގެ ސެމީން ފުރުސަތު ހޯދިއިރު ލިވަޕޫލުން ވަނީ އެފްއޭ ކަޕުގެ ސެމީގައި ވަރުގަދަ މެންޗެސްޓަ ސިޓީ ކަޓުވާލައި 10 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފައެވެ.