ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ލޯގޯ ނައިބްރައީސް ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި މުބާރާތުގެ ލޯގޯ ފެންނަ 24 ސިކުންތުގެ ވީޑިއޯ ކޮޅެއް އާންމު ކޮށްފައިވާއިރު، މި ވީޑިއޯގައި ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.

މިއާއެކު، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދިވެހި ރާއްޖޭގެ ޓީޓީ ޓީމު ކުޅުނު މެޗުތަކުގެ ބައެއް އުސްއަލިތައްވެސް ވަނީ ހިމަނާފައެވެ. އަދި ވީޑިއޯ ނިމޭތަނަށް ވަނީ ހިތްގައިމު ލޯގޯ ދައްކާލާފައެވެ.

އަންނަ މެއި މަހުގެ 9 އިން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސިޓީގައި އޮންނަ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، އަދި ނޭޕާލްއެވެ.

ސައުތު އޭޝިއާ ޖޫނިއާ މުބާރާތް އެންމެ ފުރަތަމަ ރާއްޖޭގައި ބާއްވަން މިދިޔަ އަހަރު ލިބުނު ނަމަވެސް، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މުބާރާތް ރާއްޖޭގައި ބޭއްވޭ ގޮތެއް ނުވިއެވެ.

މި އަހަރު ލަންކާގައި ސައުތު އޭޝިއާގެ މި މުބާރާތް ބާއްވަން ފުރުސަތު ލިބުނު ނަމަވެސް، ލަންކާއިން ވަނީ އެ ފުރުސަތު ރާއްޖެއަށް ދޫކޮށްލާފައެވެ. އެގޮތުން މުބާރާތް މިދިޔަ މަހު ބާއްވަން ޝެޑިއުލް ކުރުމާއެކު، ކޮވިޑާ ގުޅިގެން އަނެއްކާވެސް މުބާރާތް ފަސްކޮށްދޭން ބައެއް ގައުމުތަކުން އެދުމުން މެއި މަހު މުބާރާތް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބުރާހީމް

    ލޯގޯ ވަރަށް ރީތި. ލޯގޯގެ މާނަ ކިޔާދިންނަމަ. ކުޑަކޮށް އޮސްޓްރޭލިއަން އެބޮރިޖިނަލް މީހުންގެ އާރޓް މޮޑިފައިކޮއްފަ ހަދާފަ ހުރިހެން ހީވޭ. އައި މައިޓް ބީ ރޯންގް.