ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ޔުނައިޓެޑު 0-4 ގެ ނަތީޖާއަކުން ބަލިކޮށް ލިވަޕޫލް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފިލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ދިޔައީ ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލުން މެޗުގެ ކުރީކޮޅު ލީޑު ނަގާފައިވާއިރު، މި ލަނޑު އެޓީމުން ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި މުހައްމަދު ސަލާހު ދިން ޕާހަކުން ލުއިޒް ޑިއާޒްއެވެ. މިއީ ލިވަޕޫލްގެ ކޯޗުކަމާ ޔާގަން ކްލޮޕް ހަވާލުވިފަހުން، ލިވަޕޫލް އެޓީމުގެ ދަނޑުގައި ކާމިޔާބުކުރި 400 ވަނަ ލަނޑެވެ.

މި ލަނޑުގެ އިތުރުން މެޗުގެ ކުރީކޮޅު ޔުނައިޓެޑަށް އިތުރު ހުރަސްތަކެއް ދިމާވީ 10 ވަނަ މިނެޓުގައި އެޓީމުގެ ޕައުލް ޕޮގްބާއަށް ލިބުނު އަނިޔާއަކާއެކު އޭނާގެ ބަދަލުގައި ޖެސޭ ލިންގާޑު ކުޅެން އަރުވަން ޖެހުމުންނެވެ.

ލިވަޕޫލް އިން މެޗުގެ ލީޑު ފުޅާކުރީ 22 ވަނަ މިނެޓުގައި ސާޑިއޯ މާނޭ މަތިން ހިއްލާލުމަށްފަހު އޭރިޔާ ތެރެއަށް ވައްޓާލި ބޯޅައަކުން މުހައްމަދު ސަލާހު ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ޔުނައިޓެޑާ ދެކޮޅަށް ސަލާހު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި ހަތް ވަނަ ލަނޑެވެ.

މި ލަނޑުތަކަށްފަހުވެސް ލިވަޕޫލްއަށް ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކުރަންވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ލިވަޕޫލްގެ ހާފަށް ބާރުބޮޑުކޮށް މާ އެދެވޭ ހަމަލާއެއް އުފެއްދިފައި ނުވާއިރު، އޮން ޓާގެޓަށް ޝޮޓެއްވެސް އުފެއްދިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމިފައިވަނީ 0-2 ގެ ނަތީޖާއަކުން ޔުނައިޓެޑުގެ މައްޗަށް ލިވަޕޫލް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފަށް ޔުނައިޓެޑް ނިކުތީ ފިލް ޖޯންސްގެ ބަދަލުގައި ޖަޑޮން ސަންޗޯ އަރުވައިގެންނެވެ.

 

ނަމަވެސް ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ގޮސްފައިވަނީ ލިވަޕޫލްއިންނެވެ. އެގޮތުން އެޓީމުން ކުޅެމުންދިޔައީ ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް، ގިނަ ހަމަލާތައް އުފައްދަމުންނެވެ.

ޔުނައިޓެޑުން މެޗުގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ 55 ވަނަ މިނެޓުގައެވެ. މި ހަމަލާ އުފައްދާފައިވަނީ ސަންޗޯއެވެ. ނަމަވެސް ގޯލާ އަމާޒުކޮށް ސަންޗޯ ފޮނުވާލި މި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ދިފާއުކޮށްފައެވެ.

މި ހަމަލާއަށްފަހު ޔުނައިޓެޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށް، ލިވަޕޫލްގެ ހާފަށް ބާރުބޮޑުކުރަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިވަޕޫލްގެ ޑިފެންސުން ވަނީ ޔުނައިޓެޑުގެ އެޓޭކްތައް ދިފާއުކޮށްފައެވެ.

ލިވަޕޫލްގެ ތިން ވަނަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި ސާޑިއޯ މާނޭއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޑިއާޒް ދިން ޕާހަކުން ހަމަޖެހިލާފައި އެއްފަހަރުންނެވެ. ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޑިއެގޯ ޖޮޓާ ދިން ޕާހަކުން ކާމިޔާބުކުރީ ސަލާހުއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކީޕަރު ޑެހެއާ ބޯ މަތިން ފޮނުވާލައިގެންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 32 މެޗުން ލިބުނު 76 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ނަމަވެސް މާދަމާ ރޭ މެންޗެސްޓާ ސިޓީ އަދި ބްރައިޓަން ބައްދަލުކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ އެޓީމު ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާނެއެވެ. އެޓީމު އޮތީ 31 މެޗުން ލިބުނު 74 ޕޮއިންޓާއެކު ދެވަނައިގައެވެ.

މެޗުން ބަލިވި ޔުނައިޓެޑު އޮތީ ކުޅުނު 33 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ. އެޓީމު ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެފައިވަނީ 15 މެޗުންނެވެ. އަދި ބާކީ ނުވަ މެޗުން އެޓީމު ބަލިވިއިރު، އަނެއް ނުވަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.