ކޮޕަ އިޓަލިއާގައި އަމިއްލަ ދަނޑުގައި އޭސީ މިލާން 0-3 ގެ ނަތީޖާއަކުން ބަލިކޮށް އިންޓަ މިލާން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު އޭސީ މިލާން ދަނޑުގައި ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. މިގޮތުން އިންޓަ މިލާން ފައިނަލަށް ދަތުރުކޮށްފައިވަނީ 0-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި އިންޓަ މިލާނުން ލީޑު ނަގާފައިވާއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓީނޭޒްއެވެ. މި ލަނޑަށްފަހުވެސް އެޓީމުން ދިޔައީ އޭސީ މިލާންގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާ އުފައްދަމުންނެވެ.

މުޅި މެޗުގައިވެސް އިންޓަގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމު ހުއްޓުވަން އޭސީ މިލާންގެ ޑިފެންސް ވަނީ ނުކުޅެދިފައެވެ.

އިންޓައިން މެޗުގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މާޓިނޭޒް ކާމިޔާބުކުރި އިތުރު ލަނޑަކުންނެވެ. މިގޮތުން ފުރަތަމަ ހާފް ނިމިފައިވަނީ 0-2 ގެ ނަތީޖާއަކުން އޭސީ މިލާންގެ މައްޗަށް އިންޓަ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އޭސީ މިލާނުން އެޓީމުގެ ކުޅުން ވަރުގަދަކޮށްފައިވާއިރު، ނަތީޖާގެ ފަރަގު ކުޑަކުރަން އެޓީމަށް ވަނީ ފުރުސަތުތައް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

މެޗުގަައި އިންޓަގެ ފަރާތުން ފެނިގެންދިޔަ ތިން ވަނަ ލަނޑު 80 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގޮޒެންސްއެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ލަނޑު ޖެހުމަށް އިތުރު ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު އިންޓަ މިލާން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ފައިނަލުގައި އެޓީމާ ދެކޮޅަށް ނިކުންނާނީ މާދަމާ ރޭ ޔުވެންޓަސް އަދި ފިއޮރެންޓީނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:45 ގައެވެ.