ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި 0-3 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށް އަނެއްކާވެސް މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ބްރައިޓަންގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

ފުރަތަމަ ހާފްގައި ބްރައިޓަންގެ ފަރާތުން ރަނގަޅު ޑިފެންސެއް ފެނުނުއިރު، އެޓީމުން ވަނީ ސިޓީ ހިފެހެއްޓުމަށް މޮޅު ޑިފެންސެއް ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފްގައި ސިޓީން އުފެއްދި ހުރިހާ ހަމަލާއެއް ބްރައިޓަންއިން ވަނީ ނާކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފްގައި ބްރައިޓަންގެ ފަރާތުން އެދެވޭ އެޓޭކެއް ފެނިގެން ގޮސްފައިނުވާއިރު، ގޯލާ އަމާޒުކޮށް އެޓީމަށް ޝޮޓެއްވެސް ހެދިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ނަމަވެސް ދެވަނަ ހާފް ފެށިގެން ސިޓީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 53 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރިޔާދު މަހްރޭޒްއެވެ. އަދި މި ލަނޑަށްފަހު ސިޓީން ވަނީ ބްރައިޓަންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

ސިޓީން މެޗުގެ ލީޑު ފުޅާކުރީ 65 ވަނަ މިނެޓުގައި މަހްރޭޒްގެ އެހީތެރިކަމާއެކު ފޮޑެން ކާމިޔާބުކުރި ލަނޑުންނެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު 82 ވަނަ މިނެޓޫގައި ކެވިން ޑިބްރޭނާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބެނާޑޯ ސިލްވާއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 32 މެޗުން ލިބުނު 77 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބްރައިޓަން އޮތީ ކުޅުނު 33 މެޗުން ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 10 ވަނައިގައެވެ.