އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނަައިޓެޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑު އޭނާ ހާއްސަކުރީ ދާދިފަހުން ނިޔާވި އޭނާގެ ފިރިހެން ދަރިފުޅަށެވެ.

ރޮނާލްޑޯއަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އެ ދެމީހުންނަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައެވެ.

އެހެންވެ، ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފަހުން ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅެއެވެ. އެކަމަކު މިހާރު އާސެނަލްއާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނަ ވަނީ ފުރަތަމަ އެގާރަައިގައި ހިމެނި ލަނޑެއް ޖަހާފަައެވެ.

އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 34 ވަނަ މިނެޓުގެ ތެރޭގަައެވެ. ރޮނާލްޑޯ މި ލަނޑު ޖެހިއިރު އާސެނަލް ވަނީ އޭގެކުރިން ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ ވަނީ އުޑަަށް ބަލަހައްޓައިގެން ހުރެ ނިޔާވި ދަރިފުޅަށް އެ ލަނޑު ހާއްސަކުރިކަން ހާމަކޮށްފައެވެ.

މި ލަނޑާއެކު ރޮނާލްޑޯ ވެފައިވަނީ ސްޕެނިޝް ލަލީގާ އަދި އިނގިރޭސި ޕްރިމިއަރ ލީގުގައި 100 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ރޮނާލްޑޯ 2003 އިން 2009 އާއި ދެމެދު ކުޅުނުއިރު ހުރިހާ މުބާރާތެއް އެއްކޮށް ޖުމްލަ 118 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. މީގެތެރެއިން ޕްރިމިއަރ ލީގުގައި ވަނީ 84 ލަނޑު ޖަހާފައެވެ. އެނބުރި ޔުނައިޓެޑަށް ބަދަލުވެ ރޮނާލްޑޯ ވަނީ އޭނަގެ ގޯލް ޖެހުމުގެ ރެކޯޑު އާކޮށްފައެވެ.

ރޮނާލްޑޯ އަށް އެންމެ ފަހުން ލިބުނު ކުއްޖާގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ. އޭނާގެ އެހެން ދަރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ، 11، މެޓިއޯ ރޮނާލްޑޯ، 4، އަލާނާ މާޓިނާ ޑޯސް ސަންޓޯސް އަލްވެރޯ، 4، އަދު އީވާ މާރިއާ ޑޯސް ސަންޓޯސް، 4 އެވެ.