ޕްރިމިއާ ލީގުގައި ގެބްރިއަލް ޖީސަސްގެ ހަތަރު ލަނޑުން ވަޓްފޯޑްގެ މައްޗަށް 1=5 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރިހޯދައިފިއެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. އެގޮތުން ހަތަރުވަނަ މިނެޓުގައި ޒިންޗެންކޯގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކުރީ ޖީސަސްއެވެ.

މި ލަނޑަށްފަހުވެސް ސިޓީގެ ފަރާތުން އެޓޭކިން މޮޅު ފުޓުބޯޅައެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ލީޑު ފުޅާކުރީ 23 ވަނަ މިނެޓުގައެވެ. ކެވިން ޑިބްރޭނާގެ އެހީތެރިކަމާއެކު މި ލަނޑުވެސް ސިޓީއަށް ކާމިޔާބުކޮށްދީފައިވަނީ ޖީސަސްއެވެ.

ވަޓްފޯޑްއިން ނަތީޖާގެ ފަރަގު ކުޑަކުރީ 28 ވަނަ މިނެޓުގައި ޑެނިސްގެ އެހީތެރިކަމާއެކު ކަމަރާ ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ޖީސަސްގެ އެހީތެރިކަމާއެކު ރޮޑްރީ ވަނީ ސިޓީއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމިފައިވަނީ ސިޓީގެ މޮޅު ކުޅުމާއެކު، އެޓީމުން ވަޓްފޯޑްގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ 49 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ޖީސަސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ލަނޑަށްފަހުވެސް ވަޓްފޯޑްގެ ގޯލަށް ސިޓީން ނުރައްކާ ކުރަމުން ގޮސްފައިވާއިރު، އެޓީމުން ފަސް ވަނަ ލަނޑު ކާމިޔާބުކުރީ 53 ވަނަ މިނެޓުގައި ޑިބްރޭނާގެ އެހީތެރިކަމާއެކު ޖީސަސް ކާމިޔާބުކުރި ލަނޑުންނެވެ.

މީގެއިތުރުންވެސް ސިޓީއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް މުޅި މެޗުގައިވެސް ވަޓްފޯޑްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އެޓީމު ވަނީ ސިޓީ ހުއްޓުވުމަށްވެސް ނުކުޅެދިފައެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 33 މެޗުން ލިބުނު 80 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވަޓްފޯޑް އޮތީ ކުޅުނު 33 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.