އިޓާލިއަން ލީގުގައި 1-3 ގެ ނަތީޖާއަކުން ރޯމާ ބަލިކޮށް، އިންޓަ މިލާން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އިންޓައިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 30 ވަނަ މިނެޓުގައި ޑަމްފްރައިޒްއެވެ.

މި ލަނޑަށްފަހުވެސް އިންޓަގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ 40 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްގެ އެހީތެރިކަމާއެކު ބްރޮޒޮވިޗްއެވެ.

ފުރަތަމަ ހާފް 0-2 ގެ ނަތީޖާއަކުން ރޯމާގެ މައްޗަށް އިންޓަ ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ އިންޓައިންނެވެ.

މިގޮތުން 52 ވަނަ މިނެޓުގައި އިންޓައިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލައުރާޓޯ މާޓިނޭޒްއެވެ.

މެޗުގައި ރޯމާގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިކިޓަރިޔަންއެވެ. މި ލަނޑަށްހުވެސް ރޯމާއަށް ލަނޑު ޖެހުމަށް ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު އިންޓަ އޮތީ ކުޅުނު 33 މެޗުން ލިބުނު 72 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ރޯމާ އޮތީ ކުޅުނު 34 މެޗުން ލިބުނު 58 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ.