1. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިންޓަރ މިލާންއާއި އޭސީ މިލާން ބައްދަލު ކުރި މެޗު އިންޓަރ މިލާންއިން ކާމިޔާބުކޮށްފިއެވެ.

އިންޓަރ މިލާންގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު އެޓީމުން ކާމިޔާބުކުރީ 0-2ގެ ނަތީޖާއަކުންނެވެ.

އިޓަލީގެ ދެޓީމު ބައްދަލުކުރި މި ސެމީ ފައިނަލުގެ މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލު ކޮށްގެން ކުޅެފައި ވަނީ އިންޓަރ މިލާންއިންނެވެ. ފުރަތަމަ ހާފުގައި ގޯލާއި އަމާޒުކޮށް އިންޓަރ އިން ތިން ހަމަލާ ފޮނުވާލި އިރު، އޭސީ މިލާންއަށް އެއްވެސް ހަމަލާއެއް ފޮނުވައެއް ނުލެވެއެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި އިންޓަރއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ހަކަންގެ އެހީތެރިކަމާއެކު މި ލަނޑު އިންޓަރއަށް ކާމިޔާބުކޮށް ދިނީ އެޑިން ޒެކޯއެވެ. މި ލަނޑާއި އެކު އިންޓަރ އިން ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތަށް އިތުރުކުރިއެވެ.

މެޗުގެ އަށް ވަނަ މިނެޓުގައި ގޯލު ޖަހާ ލީޑު ނެގި އިންޓަރއިން ވަނީ އޭގެ ދެ މިނެޓުފަހުން ދެވަނަ ގޯލެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ފެޑެރިކޯ ޑިމާކޯގެ އެހީތެރި ކަމާއެކު މިލަނޑު ކާމިޔާބުކޮށް ދިނީ ހެންރިކް މަކްޓޭރިޔަންއެވެ.

ދެވަނަ ހާފު ފަށައިގެން އޭސީ މިލާނުން ވަނީ ކުޅުން ރަނގަޅުކޮށް އިންޓަރގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ދެވަނަ ހާފުގައި އެސީ މިލާނުން ދެ ހަމަލާ ގޯލާއި އަމާޒުކޮށް ފޮނުވާލި އިރު، އިންޓަރ އިން ވަނީ ތިން ހަމަލާފޮނުވާ ލާފައެވެ.

މި ނަތީޖާގައި ސެމީ ފައިނަލުގެ ދެވަނަ ލެގަށް ނިކުންނަ އިރު އިންޓަރ މިލާނަށް ހަމަ ޖެހިލެވޭ އިރު، ފައިނަލުގެ ޖާގައެއް ހޯދުމަށް އޭސީ މިލާނުން މި މެޗުގައި ބޮޑު ތަފާތަކުން މޮޅުވުން މަޖުބޫރުވާނެއެވެ.