ފްރެންޗް ލީގުގައި ލެންސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 68 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ.

މުޅި މެޗުގައިވެސް ލެންސްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމު ވަނީ ޕީއެެސްޖީ ހުއްޓުވުމަށް ބުރަ މަސައްކަތް ކޮށްފައެވެ. އަދި އެޓީމަށް ލިބުނު މަދު ފުރުސަތުގެ ބޭނުން ހިފައި ނަތީޖާ ހަމަހަމަ ކުރީ 88 ވަނަ މިނެޓުގައި ޖީން ކާމިޔާބުކުރި ލަނޑުންނެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ޕީއެސްޖީން ކުޅެފައިވާއިރު، އެޓީމަށް ލީޑު ފުޅާކުރަން ގިނަ ފުރުސަތުތައް ލިބިފައިވެއެވެ. ނަމަވެސް އެޓީމަށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ކުޅުނު 34 މެޗުން ލިބުނު 78 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ޕީއެސްޖީގެ ފަހަތުން ދެވަނައިގައި އޮތް މާސޭއަށް ލިބިފައިވަނީ 33 މެޗުން 62 ޕޮއިންޓެވެ. އަދި މެޗުން ބަލިވި ލެންސް އޮތީ ކުޅުނު 34 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.

ޕީއެސްޖީން ލީގު ކަށަވަރުކޮށްފައި މިވަނީ އެޓީމަށް ބާކީ ހަތަރު މެޗު އޮއްވައެވެ. ލީގުގައި އެޓީމު މިހާތަނަށް ކުޅުނު 34 މެޗުގެ ތެރެއިން 24 މެޗު ކާމިޔާބުކޮށްފައިވާއިރު، ހަތަރު މެޗުން ވަނީ ބަލިވެފައެވެ. އަދި އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.