ފްރެންޗް ލީގުގައި ރޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑާއެކު ރަށުން ބޭރުގައި އޮލިމްޕިކް ލިޔޯން އަތުން ފަސޭހަކަމާއެކު ޕީއެސްޖީ މޮޅުވެއްޖެއެވެ. މި މެޗުން ޕީއެސްޖީ މޮޅުވީ 4-1 އިންނެވެ.

ރޭގެ ނަތީޖާއާއެކު ޕީއެސްޖީ ވަނީ ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގައި އުޅޭ އޭއެސް މޮނާކޯ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ އަށް ލިބިފައިވަނީ ހަތަރު މެޗުން 8 ޕޮއިންޓެވެ. މި އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އޮލިމްޕިކް މާސޭ އޮތްއިރު، ރެއިމްސް އޮތީ ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ހަތަރެއްގައެވެ.

ލިޔޯންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޕީއެސްޖީން ލީޑްނެގީ ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ މެނުއަލް އުގާޓޭ އަށް ލިޔޯންގެ ކޮރެންޓިން ޓޮލީސޯ ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، މެޗުގެ 20 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ އާއެކު ހެދި ވަން-ޓޫ އަކަށްފަހު އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީ އަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޕީއެސްޖީގެ ތިންވަނަ ލަނޑުޖަހައިދިނީ މާކޯ އަސެންސިއޯ އެވެ. އަދި އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގައި އަސެންސިއޯ ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 4-0 އިން ކުރީގަ އޮވެގެންނެވެ.

މި މެޗުގައި ލިޔޯން އިން ޖެހި ހަމައެކަނި ލަނޑު، 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޓޮލީސޯ އެވެ.