ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ކެރިއަރުގައި ކާމިޔާބުކޮށްފައިވާ މެޗުގެ އަދަދު 1000 އަށް އަރައިފިއެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި މިހާރު ކުރިއަށްދާ އޭޓީޕީ ރޯމް މާސްޓާސް ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި ނޯވޭގެ ކެސްޕާ ރުޑްގެ މައްޗަށް ރޭ ހޯދި މޮޅަކީ ޖޮކޮވިޗްގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 1000 ވަނަ މެޗެވެ.

ޖޮކޮވިޗް، 34، އަކީ މި އަދަދަށް މެޗު ކާމިޔާބުކުރި ފަސްވަނަ ކުޅުންތެރިއާ އެވެ. ކެރިއަރުގައި މަދުވެގެން 1000 މޮޅު ރެކޯޑު ކޮށްފައިވާ ކުޅުންތެރިންނަކީ 1274 މެޗުން މޮޅުވި އެމެރިކާގެ ކުރީގެ ޓެނިސް ކުޅުންތެރިއާ ޖިމީ ކޮނޯސް، 1068 މެޗު ކާމިޔާބުކުރި ކުރީގެ ޗެކްސްލޮވާކިއާގެ ޓެނިސް ކުޅުންތެރިއާ އައިވަން ލެންޑްލް އަދި 1251 މެޗް ކާމިޔާބުކޮށްފައިވާ ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާގެ އިތުރުން 1050 މެޗް ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލްއެވެ. މީގެ ތެރެއިން ނަޑާލް އަދި ފެޑެރާ އަކީ އަދިވެސް ޕްރޮފެޝަނަލީ ޓެނިސް ކުޅޭ ދެ ކުޅުންތެރިންނެވެ.

ރޯމް މާސްޓާސްގެ ސެމީގައި ރޭ ކެސްޕަ ރުޑްގެ މައްޗަށް ޖޮކޮވިޗް ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. ޖޮކޮވިޗް ސެޓުތައް ގެންދިޔައީ 6-4 އަދި 6-3 އިންނެވެ.

ރޯމް މާސްޓާސްގެ ފައިނަލުގައި މިރޭ ޖޮކޮވިޗް ވާދަކުރާނީ ދުނިޔޭގެ ފަސްވަނަ އަށް ރޭންކް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޮސް ސިޓްސިޕަސްއާ އެވެ. ސިޓްސިޕަސް ފައިނަލުން ޖާގަ ހޯދީ ސެމީގައި ޖަރުމަނުގެ އެލެގްޒަންޑާ ޒްވެރެވް 4-6، 6-3 އަދ 6-3 އިން ބަލިކުރުމަށްފަހުއެވެ.

މި މުބާރާތުގެ އަންހެން ބައިގެ ފައިންލްގައި ވާދަކުރާނީ ޕޮލަންޑުގެ އިގާ ސްވިޓެކް އަދި ޓިއުނީޝިއާގެ އޮންސް ޔަބުއާ އެވެ. ސްވިޓެކް ފައިނަލުން ޖާގަ ހޯދީ އަރީނާ ސަބަލެންކާގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދުމަށްފަހުއެވެ. ޔަބުއާ ފައިނަލަށް ދަތުރު ކުރީ ސެމީގައި ޑާރިއާ ކަސަޓްސްކީނާގެ މައްޗަށް 2 ސެޓު އެއް ސެޓުން ކުރިހޯދައިގެންނެވެ. އަންހެން ބައިގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅޭއިރު ފިރިހެން ބައިގެ ފައިނަލް ކުޅޭނީ މިރޭ އެވެ.