ބޯޑޯ އަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް މެލްކޮމް ބާސެލޯނާ އަށް ބަދަލުވާން ނިންމައިފިއެވެ.

އުމުރުން 21 އަހަރުގެ މެލްކޮމް ބާސާ އަށް ބަދަލުވާން ނިންމާފައިވަނީ 41 މިލިއަން ޔޫރޯ އަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ޓްރާންސްފާ ފުރިހަމަ ކުރުމަށް އިއްޔެގެ ވަގުތެއްގައި މެލްކޮމް ވަނީ ބާސެލޯނާ އަށް ގޮސްފައެވެ. އަދި މެޑިކަލް ފުރިހަމަ ކުރުމަށްފަހު މިއަދުގެ ވަގުތެއްގައި ބާސާ އަށް ރަސްމީކޮށް މެލްކޮމް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ހާމަކުރެއެވެ. އަދި އެއަށްފަހު ޕްރީ ސީޒަން ޓުއާއަށް ބާސާއާއެކު އޭނާ އެމެރިކާ އަށް ދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މެލްކޮމް ބާސާ އަށް ބަދަލުވާން ނިންމިއިރު އޭނާ ގެންނަން އިޓަލީގެ ރޯމާ އިން ވެސް މަސައްކަތް ކުރިއެވެ. އެގޮތުން މެލްކޮމް ގެނައުމާ ގުޅޭގޮތުން ބޯޑޯ އާއެކު ރޯމާ އިން އެއްބަސްވުމަކަށް ވެސް އައިއިރު މި ޓްރާންސްފާ ފުރިހަމަ ކުރުމަށް ހޯމަ ދުވަހުގެރޭ މެލްކޮމް ހުރީ ރޯމާއަށް ދިޔުމަށް ފުރަން ވެސް ތައްޔާރުވެގެންނެވެ.

ނަމަވެސް ރޯމާ އަށް ދިޔުމަށް ފުރުމުގެ ކުރިން މެލްކޮމް ގެނައުމަށް ބާސާ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށް ރޯމާ އަށްވުރެ ބޮޑު ހުށަހެޅުމެއް ބޯޑޯ އަށް ހުށަހަޅާފައެވެ. އެއާއެކު ބޯޑޯ އިން ވަނީ ރޯމާއާއެކު ވެފައިވާ އެއްބަސްވުން އުވާލާފައެވެ.

ބާސާ އިން މެލްކޮމް ގެނެސްފައިމިވަނީ ޗެލްސީ އަށް ކުޅެމުން އަންނަ ވިލިއަން ހޯދުމަށް ކުރަމުން އައި މަސައްކަތް އެ ކްލަބަށް ކާމިޔާބުނުވުމާ ގުޅިގެންނެވެ.

މެލްކޮމް ގެންނަން މީގެކުރިން އާސެނަލް އާއި އެވަޓަން އަދި ޓޮޓެންހަމް ފަދަ ކްލަބުތަކުން ވެސް މަސައްކަތް ކޮށްފައިވާއިރު އޭނާ ވަނީ މިދިޔަ ސީޒަނުގެ ފްރެންޗް ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބޯޑޯ އަށް ކުޅުނު 38 މެޗުގައި އޭނާ ވަނީ 12 ގޯލު ކާމިޔާބުކޮށްފައެވެ.