ޔޫރޮޕާ ކޮންފަރެންސް ލީގް ކަޕްގައި 0-1 ގެ ނަތީޖާއަކުން ފޭނޫޑް ބަލިކޮށް، 14 އަހަރު ފަހުން އޭއެސް ރޯމާއިން ތަށްޓެއް ކާމިޔާބުކޮށްފިއެވެ.

ރޯމާއިން އެންމެ ފަހުން ތަށްޓަކަށް ކާމިޔާބުކޮށްފައިވަނީ 2008 ވަނަ އަހަރުގެ އިޓާލިއަން ކަޕެވެ. އެޓީމުން ވަނީ ނުވަ ފަހަރު އިޓާލިއަން ކަޕް ކާމިޔާބުކުރުމުގެ އިތުރުން، ތިން ފަހަރު ލީގު ތަށި މީގެ ކުރިން ހޯދާފައެވެ. އަދި އެޓީމުން ވަނީ އިޓާލިއަން ސުޕަކަޕް ދެފަހަރު ހޯދާފައެވެ.

ފުރަތަމަ ފަހަރަށް ކުޅުނު ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލް މެޗު އަލްބޭނިއާގައި ކުޅުނުއިރު، މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅެކެވެ. އެގޮތުން ދެޓީމުންވެސް ދިޔައީ އިދިކޮޅު ޓީމުގެ ހާފަށް ބާރުބޮޑުކުރަން މަސައްކަތްކޮށް، ލީޑު ނެގުމަށެވެ.

މި މެޗުގެ 31 ވަނަ މިނެޓުގައި ރޯމާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު މަންޗިނީގެ އެސިސްޓަކާއެކު ކާމިޔާބުކުރީ ޒަނިއޯލޯއެވެ. މި ލަނޑަށްފަހު ރޯމާގެ ފަރާތުން ފެންނަމުންދިޔައީ ޑިފެންސިވް ކުޅުމެކެވެ. ނަމަވެސް ކައުންޓާ އެޓޭކުގައި ލިބޭ ފުރުސަތުތަކުގައި އެޓީމުން ދިޔައީ ފޭނޫޑްގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މެޗުގައި ފޭނޫޑަށްވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައިވާއިރު، އެޓީމަށް އެ ފުރުސަތުތަކުގޭ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭގޮތް ވަނީ ނުވެފައެވެ. އަދި ރޯމާގެ ޑިފެންސްވެސް ފެނިގެންދިޔައީ ވަރަށް އޯގަނައިޒްކޮށްކަން ފާހަގަކޮށްލެވެއެވެ.

މި މެޗުގެ ފަހު 10 މިނެޓު ތެރޭގައި ރޯމާއަށް ލީޑު ފުޅާކުރަން އިތުރު ފުރުސަތުތަކެއް ލިބިފައިވާއިރު، ނަތީޖާ ހަމަހަމަ ކުރަން ފޭނޫޑުން މި ވަގުތުކޮޅު ތެރޭގައި ގިނަ މަސައްކަތްތައް ކުރިއެވެ. ނަމަވެސް މެޗު ނިމިގެންދިޔައީ ރޯމާ ކުރީގައި އޮވެގެންނެވެ.