އަނިޔާގެ ސަބަބުން އާޖެންޓީނާގެ ތަރި ޕައުލޯ ޑިބާލާ މި އަންނަ ނޮވެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށް ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޔުވެންޓަސް އިން ވިދާލި ޑިބާލާ މިހާރު ކުޅެމުން އަންނަނީ ރޯމާ އަށެވެ. އިޓަލީ ލީގުގައި އިއްޔެ ޑިބާލާ ކުޅުނު މެޗުގައި އޭނާ ޕެނަލްޓީ ޖަހަން އުޅުމުގެ ތެރޭގައި ފައިގެ މަސްގަނޑު ވަނީ އިރައިގެން ގޮސްފައެވެ. އެހެން ނަމަވެސް އޭނާ ވަނީ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާ ރޯމާގެ މޮޅުވި ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރޯމާގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ އޭނާއަކީ ޑޮކްޓަރެއް ނޫން ނަމަވެސް، ޑިބާލާ އަށް ލިބުނު އަނިޔާގެ ސަބަބުން އަވަސް މުސްތަގުބަލެއްގައި ނުކުޅެވޭނެ ކަމަށް އޭނާގެ ތަޖުރިބާ އިން ބުނާ ކަމަށެވެ.

"އަހަރެން ބުނާނީ އޭނާގެ ފަޔަށް އެހެރީ ވަރަށް ބޮޑުވަރު ވެފައޭ. އަހަންނަކީ ޑޮކްޓަރެއް ނޫން. އެކަމަކު އަހަރެންނަށް ކުރެވިފައި ހުރި ތަޖުރިބާ އިންނާއި ޑިބާލާއާ ވާހަކަ ދެއްކީމަ އިނގޭ އޭނާއަށް މި އަހަރު ވެސް ނުކުޅެވޭނެކަން،" މޮރީނިއޯ ބުންޏެވެ.

ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ދަށުން ޑިބާލާ ރޯމާއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޑިބާލާގެ ސޮއި ރޯމާ އިން ހޯދީ، ނަޕޯލީ އާއި އިންޓަ މިލާނުން އޭނާ ހޯދުމަށް މަސައްކަތް ކުރަނިކޮށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޑިބާލާ އަށް ރޯމާ އިން އަހަރަކު ފަސް މިލިއަން ޕައުންޑްގެ މުސާރައަކާއި ބޯނަސް ދޭނެއެވެ. މި ކޮންޓްރެކްޓުގެ ދަށުން އޭނާ 2025 ގެ ނިޔަލަށް ރޯމާގައި މަޑު ކުރާނެއެވެ.

ޔުވެންޓަސް އާއެކު ޑިބާލާ ހެދި އެއްބަސްވުން ހަމަވާން ކައިރިވި އިރު، ވެސް އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ. މިދިޔަ އޮކްޓޯބަރު މަހު ޔުވެންޓަސް އާއި ޑިބާލާއާ މެދު، ކޮންޓުރެކްޓް އާކުރުމަށް އަނގަބަހުން އެއްބަސްވިއެވެ. އޭރު ނިންމީ އަހަރަކު މުސާރަ 9.1 މިލިއަން ޑޮލަރަށް ބޮޑުކުރުމަށެވެ.

އެކަމަކު، ރަސްމީކޮށް އެ އޮފާ ޔުވެންޓަސް އިން ހުށަހަޅާފައެއް ނުވެއެވެ. ޑިބާލާ އަށް އާ ކޮންޓްރެކްޓެއް ރަސްމީކޮށް ހުށަނޭޅީ ފިއޮރެންޓީނާ އަށް ކުޅުނު ސާބިއާގެ ފޯވަޑް ޑުސާން ވްލަހޯވިޗް ގެނައި ހިސާބުންނެވެ.

ޕަލޭމޯ އިން 2015 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ޑިބާލާ އަށް ފާއިތުވި ދެ އަހަރު އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވިއެވެ. އޭގެ ސަބަބުން ޔުވެންޓަސް ކުޅުނު ގިނަ މެޗުތަކެއް ގެއްލުނެވެ.

އުމުރުން 28 އަހަރުގެ ތަރި ޑިބާލާއަށް ވޯލްޑް ކަޕްގައި ނުކުޅެވުމަކީ އާޖެންޓީނާއަށް ވެސް އޭގެ ގެއްލުން ދައްކާނެ ކަމެކެވެ.