ޔުއެފާ ފުޓްބޯޅަ ބޯޑުގެ މަގާމުން އިސްތިއުފާ ދިނުމަށް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އެދިފައިވާ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާއިން ކަށަވަރުކޮށްދީފިއެވެ.

މިއީ މިދިޔަ މަހު ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ރެފްރީ އެންތަނީ ޓޭލާއަށް ބަހުގެ ހަމަލާތަކެއް ދިން ކަމަށް ބުނެ ޔުއެފާއިން މޮރީނިއޯ ޔޫރަޕްގެ ކުރިއަށް އޮތް ހަތަރު މެޗަށް ސަސްޕެންޑް ކުރިތާ ދެ ދުވަސް ވެސް ނުވަނީހެވެ.

ޔުއެފާގެ ޑިސިޕްލިނަރީ ޕެނަލްގެ ހުކުމް އިއުލާނުކޮށް ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނީ މޮރީނިއޯ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ސަސްޕެންޑް ކުރަން ހަމަޖެހިފައިވަނީ މެޗް އޮފިޝަލަކާ ހުތުރު ބަހުން ވާހަކަ ދެއްކުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ކަމަށެވެ. މިއީ ޔުއެފާގެ ޑިސިޕްލިނަރީ ގަވައިދުގައި ބުނާ އެންމެ މަދުވެގެން ދެ މެޗަށް ސަސްޕެންޑް ކުރަން ޖެހޭ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

ސެވިއްޔާ އަތުން 1-1 އިން އެއްވަރުވެ ޕެނަލްޓީ ޝޫޓްއައުޓްގައި ރޯމާ ބަލިވިއިރު، މެޗަށް ފަހު މޮރީނިއޯ ޓޭލާ ކައިރިއަށް ގޮސް ސްޓޭޑިއަމްގެ ބޭރުގައި އޭނާއާ ދިމާލަށް ބަހުގެ ހަމަލާތައް ދެމުން ދިޔަ މަންޒަރުތައް ވަނީ ދައުރުވެފައެވެ.

ޔުއެފާއިން ވަނީ ރޯމާ 50،000 ޔޫރޯ (55،000 ޑޮލަރު) އިން ޖޫރިމަނާކޮށް ޔޫރޮޕާ ލީގުގައި ރަށުން ބޭރުގައި ކުޅޭ މެޗުގެ ޓިކެޓް ވިއްކުން އެ ކުލަބަށް ހުއްޓުވާނެ ކަމަށް ބުނެފަ އެވެ. އެ ދައުވާތަކުގެ ތެރޭގައި އަލިފާން ރޯކުރުމާއި، އެއްޗެހި އުކުމާއި، ތަކެއްޗަށް ގެއްލުން ދިނުމުގެ އަމަލުތައް ހިމެނެއެވެ.

ފައިނަލް މެޗުގެ އެއް ދުވަސް ފަހުން ބުޑަޕެސްޓްގެ އެއާޕޯޓުގައި ރޯމާގެ ސަޕޯޓަރުން ޓޭލާ އާއި އޭނާގެ އާއިލާއަށް ވަނީ އުނދަގޫކޮށްފައެވެ.