ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ޖަރުމަނުގެ ބަޔާން މިއުނިކުން ކްލަބުގެ ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން އިންގްލަންޑުގެ ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގަލްގެ ފޯވަޑް ސާޑިއޯ މާނޭ އަށް ބިޑު ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ރިޕޯޓުތައް ބުނާގޮތުން ބަޔާނުން ގެންގުޅޭ ޓްރާންސްފާ ލިސްޓުގެ އެންމެ ކުރީގައި އޮތީ މާނޭ އެވެ. މާނޭގެ އޭޖެންޓުންނާ އެކީ ބަޔާނުން ބައްދަލުވުންތަކެއް ވެސް ބާއްވާފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ބަޔާނުން މާނޭ އަށް ޝައުގުވެރިކަން ފާޅުކޮށްފައިމިވަނީ ކްލަބްގެ އެއްވަނަ ފޯވަޑް ޕޮލަންޑުގެ ރޮބަޓް ލެވަންޑޯސްކީ އޭނާގެ ކޮންޓްރެކްޓު އާ ނުކުރަން ނިންމައި އެކަން ބަޔާނުގެ މެނޭޖްމަންޓަށް އަންގާފައިވަނިކޮށެވެ. ކްލަބް ދޫކޮށްލަން ލެވަންޑޯސްކީ ނިންމާފައިވާއިރު އޭނާގެ ބަދަލުގައި ކްލަބުގެ ފޯވަޑް ލައިން ލީޑު ކުރަން ބަޔާނުން އެންމެ ފުރަތަމަ ގެންނަން މަސަތްކަތް ކުރީ އިންގްލަންޑުގެ މެންޗެސްޓަ ސިޓީ އަށް މިފަހުން ސޮއި ކުރި ނޯވޭގެ ޒުވާން ތަރި އާލިންގް ބްރައުޓް ހާލަންޑެވެ. ހާލަންޑް ނުލިބުމުން ބަޔާނުގެ އަމާޒު މާނޭ އަށް އަމާޒުވެފައިވާއިރު ރިޕްލޭސްމަންޓެއް ނުހޯދައި ލިވަޕޫލުން އޭނާ ވިއްކާލާނެ ކަމަކަށް ނުބެލެވެއެވެ.

މާނޭ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާއިރު ކުރިމަގާ ބެހޭގޮތުން ވާހަކަ ދައްކަމުން މާނޭ ބުނެފައިވަނީ އެއްވެސް އެއްޗެއް ބުނަން އެނގޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށްފަހު ކަމަށެވެ.

" ކުރިމަގާ ބެހޭގޮތުން މިވަގުތު އެއްޗެކޭ ބުނަން އަހަރެންނަށް ވަރަށް އުނދަގޫ. އަހަރެންގެ ފޯކަސް މިވަގުތު ހުރީ ޗެމްޕިއަންސް ލީގް ފައިނަލް މެޗަށް. ފައިނަލް މެޗަށްފަހު ތި ސުވާލު އަހަރެންނާ ކުރޭ. އޭރުން ޖަވާބު ދޭނަން، " މާނޭ ބުންޏެވެ.

އިންގްލަންޑުގެ ސައުތެމްޓަން އަށް ކުޅެމުން ލިވަޕޫލްގެ ސަމާލުކަން ހޯދައި މާނޭ އެ ކްލަބަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ލިވަޕޫލާއެކު ޕްރިމިއަ ލީގު އެއްފަހަރު، ޗެމްޕިއަންސް ލީގް އެއް ފަހަރު އަދި އެފްއޭ ކަޕާއި ލީގު ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.