މިދިޔަ ސީޒަނަށް ފަހު ރިއަލް މެޑްރިޑު ދޫކޮށް އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލު ވުމާއި ގުޅިގެން ރިއަލް މެްރިޑުން ދަނީ ރޮނާލްޑޯގެ ބަދަލުގައި ކުޅުންތެރިއެއް ހޯދަމުންނެވެ. މިހާތަނަށް ރޮނާލްޑޯގެ ބަދަލުގައި ރިއަލް މެޑްރިޑަށް ގެންނަނީ ޕީއެސްޖީގެ ނޭމާ ނުވަތަ ޗެލްސީގެ އެޑެން ހަޒާޑު ކަމަށް ގިނަ މީޑިއާ ތަކުން ރިޕޯޓު ކުރަމުން ދާކަމުގައި ވީނަމަވެސް ނޭމާ އާއި ހަޒާޑް އަކީ އަގު ބޮޑު ކުޅުންތެރިން ކަމަށް ވީއިރު އެއީ އުނދަގޫ ކަމެކެވެ.

ނިމިގެން ދިޔަ ސީޒަނުގައި ރިއަލް މެޑްރިޑަށް ރޮނާލްޑޯ ވަނީ 44 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެހެން ކަމުން ފްލޮރެންޓީނޯ ޕެރެޒް ވިސްނަމުން ދާނީ ގިނަ ލަނޑު ޖަހާނެ އަގު ބޮޑު ކުޅުންތެރިއެއް ކަމާއި މެދު ޝައްކެއް ނެތެވެ.

ފާއިތުވެ ދިޔަ ބައެއް ދުވަސް ތަކުގައި ސްޕެއިންގެ ރޭޑިއޯ އެއް ކަމަށްވާ މާރކާ ރޭޑިއޯ އިން ރިޕޯޓު ކޮށްފައިވާ ގޮތުން ރިއަލް މެޑްރިޑުން ދަނީ ޕީއެސްޖީގެ ފޯވާޑު އެޑިންސަން ކަވާނީ އެޓީމަށް ގެންނަން މަސައްކަތް ކުރަމުންނެވެ.

ޕީއެސްޖީގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެޑިންސަން ކަވާނީ އާއި އެކު ކިލިއަން އެމްބާޕޭ އަދި ނޭމާ އެޓީމުގެ ކުރިޔަށް ކުޅޭއިރު ތިން ކުޅުންތެރިންގެ ތެރެއިންވެސް ކްލަބު ދޫކޮށްލާނެ ކަމަށް ބެލެވޭ ކުޅުންތެރިޔަކީ ކަވާނީއެވެ.

ނޭމާ ޕީއެސްޖީ އާއި ގުޅުނުތާ އަހަރެއް ވެފައި ވާއިރު މިފަހަރުގެ ވޯލްޑް ކަޕުގައި ކިލިއަން އެމްބާޕޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޕީއެސްޖީ އިން އޭނާ ދޫކޮށްލަން ބޭނުން ނުވާނެ ކަމަށް ރިޕޯޓު ކުރާއިރު ކަވާނީ އަކީ ގޯލާއި ރައްޓެހި ފޯވާޑެކެވެ. އެއީ ރިއަލް މެޑްރިޑުން ވެސް ބޭނުންވާ ފަދަ ފޯވާޑެކެވެ.

މިދިޔަ ސީޒަނުގައި ކަވާނީ ވަނީ ލީގު 1 ގައި ކުޅުނު 32 މެޗުގައި 28 ލަނޑު ޕީއެސްޖީ އަށް ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން ގައުމީ ޓީމަށް ވެސް ކަވާނީ ވަނީ 3 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ތިން ލަނޑު ޖެހި އިރު ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ކަވާނީ ވަނީ ޕޯޗުގަލް ކޮޅަށް 2 ލަނޑު ޖަހާފައެވެ.