އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ކުޅުނު ދެ ވަނަ މެޗުގައި އުޒްބެކިސްތާނާ ވާދަކޮށް ސްރީ ލަންކާ ބަލިވެއްޖެއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ތައިލެންޑް އަތުން 3-0 އިން ބަލިވެފައެވެ.

ގްރޫޕް ސީގެ ދެވަނަ މެޗުގައި އުޒްބެކިސްތާނާއި ލަންކާ ވާދަކުރި މެޗު އުޒްބެކިސްތާނުން ކާމިޔާބުކުރީ 3-0 އިންނެވެ. އުޒްބެކިސްތާނުގެ ގާރްޝީގައި ހުންނަ މަރްކަޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ގައުމުން ޖެހި ފުރަތަމަ ގޯލް މެޗުގެ 36 ވަނަ މިނެޓުގައި ޖެހީ ޖަލާލުއްދީން މަޝާރިޕޮވްއެވެ. އެ ޓީމުގެ ދެވަނަ ގޯލް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޑޮސްޓޮސްބެކް ޙަމްޑަމޮވް ޖެހިއިރު ތިންވަނަ ގޯލް މެޗުގެ 60 ވަނަ މިނެޓުގައި ޖެހީ ފާރޫކް ސައިކިއެފްއެވެ.

މި ގްރޫޕުގެ މެޗުތަކެއް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. ރާއްޖެ އުޒްބެކިސްތާނާ ވާދަކުރާއިރު ލަންކާ ނުކުންނާނީ ތައިލޭންޑާ ދެކޮޅަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަވަށްޓެރި އިންޑިއާ އިން ވަނީ އެ ގައުމު ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ކެމްބޯޑިއާ ބަލިކޮށްފައެވެ. އިންޑިއާ ހިމެނޭ ގްރޫޕް ޑީގައި ކެމްބޯޑިއާގެ އިތުރުން ދެން ހިމެނެނީ ހޮންކޮންގާއި އަފްޣާނިސްތާނެވެ.

އިންޑިއާގެ ކަލްކައްޓާގައި ހުންނަ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ރޭ ކެމްބޯޑިއާއާ ދެކޮޅަށް އިންޑިއާ އިން ޖެހި ދެ ގޯލް ވެސް އެޓީމަށް ޖަހައިދިނީ ކެޕްޓަން ސުނިލް ޗެތުރީއެވެ. މެޗުގައި ޗެތުރީ ޖެހި ދެ ގޯލާއެކު އޭނާ ގައުމީ ޓީމަށް ޖަހައިދީފައިވާ ގޯލްގެ އަދަދު ވަނީ 83 އަށް އަރައިފައެވެ. މި ގްރޫޕުގައި ދެން ކުޅުނު މެޗުގައި ހޮންކޮންގް އިން ވަނީ 2-1 އިން އަފްޢާނިސްތާނު ބަލިކޮށްފައެވެ.

ކޮލިފައިންގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ޑީގައި ހިމެނޭ ބަންގްލަދޭޝް ވަނީ ބަހްރެއިންއާ ކުޅެ 2-0 އިން ބަލިވެފައެވެ. މި ގްރޫޕުގެ އަނެއް މެޗުގައި މެލޭޝިއާ އިން ވަނީ 3-0 އިން ތުރުކުމެނިސްތާނުގެ މައްޗަށް ކުރިހޯދައިފައެވެ. ގްރޫޕް އެފްގައި ތަޖިކިސްތާނުން 4-0 އިން މަޔަންމާރު ބަލިކުރިއިރު މި ގްރޫޕުގެ އަނެއް މެޗުގައި ކިރިގިސްތާނުން ވަނީ 2-1 އިން ސިންގަޕޫރު ބަލިކޮށްފައެވެ. ގްރޫޕް ބީގެ މެޗުތަކަށް ބަލާއިރު ފަލަސްތީނުން 1-0 އިން މޮންގޯލިއާ ބަލިކުރިއިރު ފިލިޕީންސް އަދި ޔަމަން ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.