"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިރޭ ފެށި އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗް އެފްސީ ބޭރުމަތި ޓީމުން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ބޭރުމަތި މިރޭގެ މެޗު ކާމިޔާބުކުރީ އެފްސީ ސްޕްރިންޓް އާއި ބައްދަލުކޮށް 0-2 އިންނެވެ.

ސްޕްރިންޓުގެ ކުޅުންތެރިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ބޭރުމަތި ޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ސްޕިރިންޓް ޓީމުގެ ގޯލްކީޕަރުގެ ހުށިޔާރުކަން ފެނިގެން ގޮސްފައިވާއިރު ސްޕްރިންޓް ޓީމަށް މި ހާފުގައި ވަނީ ހުސް ދެ ފުރުސަތު ލިބިގެން ގޮސްފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގެ ކުރީކޮޅު ވެސް ސްޕްރިންޓް ޓީމަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ބޭރުމަތި ޓީމުގެ ޕެނަލްޓީއޭރިއާ ތެރޭ ވަނުމަށްފަހު ފޮނުވާލި ހަމަލާ ދިޔައީ ގޯޅުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ބޭރުމަތި އާއި ސްޕްރިންޓް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ބޭރުމަތި ޓީމުން ކުޅުނުއިރު އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އިބްރާހިމް (ކޭޑީ) އެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ހަސަން މިފްރާހް ވަނީ ބޭރުމަތި ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިފްރާހް މި ގޯލު ކާމިޔާބުކުރީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ވެސް ބޭރުމަތި ޓީމުން ސްޕްރިންޓްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައިވާއިރު ސްޕްރިންޓް ޓީމަށް މާ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ފުރަތަމަ މެޗު ބޭރުމަތި ޓީމުން ކާމިޔާބުކޮށްފައިވާއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޭރުމަތި ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އަހުމަދު އިބްރާހިމްއެވެ.

މި މުބާރާތުގައި މިރޭވެސް އިތުރު ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.