ކޮމަންވެލްތު ގޭމްސްގައި އަންހެން ސިންގަލްސް ބައިގައި ހިމެނުނު ގްރޫޕްގެ އެއްވަނަ ހޯދައި، އައިޝަތު ރަފާ ނިޒާމް މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގައި ރަފާ ހިމެނުނީ ޔުގާންޑާގެ ރީތާ ނަކުމިސްތާ އާއި ސީޝެލްސްގެ ލައުރާ ސިނޯންއާއާއެކުގައެވެ. ގްރޫޕްގައި ރަފާ ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ.

ޔުގާންޑާގެ ރީތާ އަތުން ރަފާ ސެޓްތައް ގެންދިޔައީ 03-11، 03-11، 03-11 އަދި 01-11 އިންނެވެ. އަދި ސީޝެލްސްގެ ރީތާ އަތުން ރަފާ ސެޓްތައް ގެންދިޔައީ 04-11، 06-11، 07-11 އަދި 09-11 އިންނެވެ.

މުބާރާތުގެ އަނެއް ބުރުގައި 32 ކުޅުންތެރިން ވާދަކުރާއިރު، މި ބުރުގައި ރަފާ ނިކުންނާނީ އޮސްޓްރޭލިއާގެ މިންޔުން ޖީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:15 ގައެވެ.

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދީމާ --- ފޮޓޯ: އެމްއޯސީ

މުބާރާތުގެ އަންހެން ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އަދި ފާތިމަތު ޖުމާނާ ވާދަ ވަނީ ގްރޫޕް ސްޓޭޖާ ހިސާބުން ކަޓާފައެވެ.

ރާއްޖޭގެ ދީމާ ގްރޫޕް ސްޓޭޖުގައި ވޭލްސްގެ ކްލޯއީ ތޯމަސް ވޫ ޒޭން އާއި ސައުތު އެފްރިކާގެ ޒޯދުވާ މަފަންގާއާ ދެކޮޅަށް ކުޅުނުއިރު، އެ ކުޅުންތެރިން އަތުންވެސް ދީމާ ބަލިވީ ސީދާ ހަތަރު ސެޓުންނެވެ.

ރާއްޖޭގެ ޖުމާނާ ހިމެނުނީ ކެނަޑާގެ ޗިން ނަމް، ފިޖީގެ ކެޮލިން ލީ އަދި ވަނުއާޓޫގެ ސްޓެފަނީ ވިއޭއާާއެކު އެއް ގްރޫޕެއްގައެވެ. ޖުމާނާ ބަލިވީ ގްރޫޕްގެ އެއްވަނަ ހޯދި ކެނެޑާގެ ޗިން އާއި ދެވަނަ ހޯދި ފިޖީގެ ކެރޮލިން އަތުން ހަތަރު ސެޓް ދެ ސެޓުންނެވެ. ވަނުއާޓޫގެ ސްޓެފަނީ އަތުން ޖުމާނާ ބަލިވީ ހަތަރު ސެޓް އެއް ސެޓުންނެވެ.

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ މުންސިފް -- ފޮޓޯ: އެމްއޯސީ

ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ މޫސާ މުންސިފް ހިމެނުނީ ގާނާގެ ޑެރެކް އަބްރީފާ އަދި ބަންގްލަދޭޝްގެ ރިއްފަތު ސާބިރުއާ އެއް ގްރޫޕެއްގައެވެ. މިގޮތުން ގާނާގެ ޑެރެކްއާ ދެކޮޅަށް ކުޅުނު މެޗުން ސީދާ ހަތަރު ސެޓުން މުންސިފް ބަލިވިއިރު، ބަންގްލަދޭޝްގެ ރިއްފަތު އަތުން މުންސިފް ބަލިވީ ހަތަރު ސެޓް ތިން ސެޓުންނެވެ.