ބާސެލޯނާ އިން ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ލެފްޓް ބެކް މާކޮސް އެލޮންސޯ ހޯދުމާ ގާތަށް ޖެހިލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސާއަށް ބަދަލުވާން އެލޮންސޯ އެއްބަސްވެފައިވާއިރު، މިހާރު ކުރިޔަށްދަނީ އެއްބަސްވުން ހެދުމުގެ ކަންކަމެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ބާސާއަށް އޭނާ ބަދަލުވިކަން އިއުލާން ކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީގެ ކޯޗު ޓުޗެލްވެސް ވަނީ އެލޮންސޯ ޗެލްސީ ދޫކޮށްލާކަން ކަށަވަރުކޮށްދީފައެވެ. މިގޮތުން އޭނާ ބުނީ، އެލޮންސޯ ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގާފައިވާ ކަމަށާއި، އެކަމަށް އެންމެން އެއްބަސްވެސް ވެފައިވާ ކަމަށެވެ.

ރެއާލް މެޑްރިޑްގެ ޔޫތު ޓީމަށް ކުރިން ކުޅުނު އެލޮންސޯ އެންމެ ފުރަތަމަ ސީނިއާ ޓީމަކަށް ކުޅުނީ ރެއާލްއަށެވެ. މިގޮތުން ރެއާލްއިން އޭނާ ބޮލްޓަންއަށް ބަދަލުވިއިރު، އޭނާ ވަނީ ފިއޮރެންޓީނާ އަދި ސަންޑަލޭންޑްއަށްވެސް ކުޅެފައެވެ.

އުމުރުން 31 އަހަރުގެ އެލޮންސޯ ޗެލްސީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 212 މެޗުގައި 29 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް ނުވަ މެޗު ކުޅެފައިވާ އެލޮންސޯ ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.