އޭއެސް ރޯމާ އިން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ވިންގާ މާކޯ އެސެންސިއޯއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ރޯމާ އިން އެސެންސިއޯއަށް ފާރަލާން ފަށަފައި ވަނީ އެ ކްލަބުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ނިކޮލޯ ޒަނިއޯލޯގެ ސޮއި ނުލިބިއްޖެ ނަމަ، އެސެންސިއޯގެ ސޮއި ހޯދުމުގެ ބޭނުމުގައެވެ.

މިގޮތުން ޒަނިއޯލޯގެ ސޮއި ނުލިބިއްޖެ ހިނދެއްގައި، ރޯމާ އިން އެޓީމުގެ މެދުތެރެ އިތުރަށް ވަރުގަދަ ކުރުމަށް އެސެންސިއޯ ގެނައުމުގެ ކަންކަން ފަށާނެ ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ރެއާލްގެ ފުރަތަމަ 11 އިން އަދި ބަދަލު ކުޅުންތެރިޔެއްގެ ގޮތަށްވެސް އެސެންސިއޯއަށް ފުރުސަތު ލިބުން ވަނީ ފަހަކަށް އައިސް ދަތިވެފައެވެ. އެއީ އޭނާއަށްވުރެ ބޮޑަށް ރެއާލް އިން އެހެން ކުޅުންތެރިންނަށް ފުރުސަތު ދޭތީކަން ފާހަގަކޮށްލެވެއެވެ.

މަޔޯކާ އިން ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި އެސެންސިއޯ ރެއާލްއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 235 މެޗުގައި 49 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް 28 މެޗު ކުޅެފައިވާ އެސެންސިއޯ ވަނީ ރެއާލްއާއެކު ތިން ލަލިގާ، ތިން ޗެމްޕިއަންސް ލީގާ، ތިން ޔުއެފާ ސުޕަ ކަޕް އަދި ތިން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.