ސްޕެނިޝް ލީގުގައި ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅުނު މެޗުން އެ ދެޓީމު މޮޅުވެއްޖެއެވެ.

ބާސާ މޮޅުވީ އަމިއްލަ ދަނޑުގައި ރެއާލް ވަލޮޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗު 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ބާސާއިންނެވެ. މިގޮތުން ބާސާ އިން ވަނީ 24 ވަނަ މިނެޓުގައި ލެވަންޑޯސްކީގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހު ވެސް ބާސާ އިން ދިޔައީ ފުލުފުލުގައި ވަލޮޑޮލިޑްގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާ އުފައްދަމުންނެވެ. މިގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާ އިން ވަނީ ޕެޑްރީ ކާމިޔާބު ކުރި ލަނޑުން މެޗުގެ ލީޑު ފުޅާ ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފް 0-2 ގެ ނަތީޖާއަކުން ވަލޮޑޮލިޑްގެ މައްޗަށް ބާސާ ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ ބާސާއިންނެވެ.

މިގޮތުން ބާސާ އިން ވަނީ 64 ވަނަ މިނެޓުގައި ލެވަންޑޯސްކީ ކާމިޔާބު ކުރި އިތުރު ލަނޑަކުން މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ދެވަނަ ހާފްގައި ކުޅެން އެރި ސާޖިއޯ ރޮބާޓޯ ވަނީ ބާސާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ތިން ވަނައިގައެވެ. އަދި މެޗުން ބަލިވި ވަލޮޑޮލިޑް އޮތީ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.

ރެއާލް މޮޅުވީ އެސްޕަނިޔޯލްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗު ފެށިގެން ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ދިޔައީ އެސްޕަނިޔޯލްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. މިގޮތުން 12 ވަނަ މިނެޓުގައި ވިނީސިއަސް ޖޫނިއާގެ ލަނޑުން ރެއާލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލް އިންނެވެ. މިގޮތުން އެޓީމުން ދިޔައީ އެސްޕަނިޔޯލްގެ ގޯލަށް ނުރައްކާ ކޮށް ހަމަލާ އުފައްދަމުންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެސްޕަނިއޯލްގެ ޖޯސެލޫ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މިއާއެކު، ފުރަތަމަ ހާފް 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ރެއާލް އިން އެޓީމުގެ އެޓޭކްތައް ވަނީ ވަރުގަދަ ކޮށްފައެވެ. ނަމަވެސް އެސްޕަނިޔޯލް އިން ދިޔައީ ފަހަތަށް ޖެހި ރެއާލްއަށް ލަނޑެއް ޖެހުނު ނުދިނުމަށް ބުރަ މަސައްކަތް ކުރަމުންނެވެ.

ރެއާލް އިން އެސްޕަނިޔޯލްގެ މަސައްކަތްތައް ފެނަށް ދުއްވާލީ، 88 ވަނަ މިނެޓުގައި މެޗުގެ ލީޑު އަނބުރާ ހޯދުމަށްފަހުއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯގެ އެހީތެރިކަމާއެކު ކަރިމް ބެންޒެމާއެވެ.

މި މެޗުގެ އިތުރު ވަގުތުގައި އެސްޕަނިޔޯލްގެ ކީޕަރު ޕެނަލްޓީ އޭރިޔާ ބޭރުން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވާއިރު، ކީޕަރަކަށް އަރާފައި ވަނީ ވަލޮޑޮލިޑްގެ ކެޕްޓަންއެވެ. އަދި އޭރިޔާ ބޭރުން ލިބުނު މި ހިލޭ ޖެހުން ބެންޒެމާ ވަނީ ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެސްޕަނިޔޯލް އޮތީ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.