ޕޯޗުގަލްގެ މިޑްފިލްޑަރު ބެނާޑޯ ސިލްވާ، ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އެކުގައި މަޑު ކުރާނެ ކަމަށް އެ ޓީމުގެ އޮފިޝަލް މެނުއަލް އެސްޓިއާޓޭ ބުނެފިއެވެ.

ބެނާޑޯ ސިލްވާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މިހާރު ހަފްތާއަކު 150،000 ޕައުންޑު ލިބެއެވެ. އޭނާ ސިޓީއާ އެކުގައި ހަދާފައިވާ އެއްބަސްވުން ހަމަ ވާނީ 2025 ވަނަ އަހަރުއެވެ. ބެނާޑޯ ސިލްވާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ކުލަބަކީ ބާސެލޯނާ ކަމަށްވެއެވެ.

ސްޕެއިންގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި އޮފިޝަލް ވިދާޅުވީ ބެނާޑޯ ސިޓީގައި މަޑު ކުރާނެ ކަމަށާއި ސިޓީން ކުޅޭ މެޗުތަކުގައި އޭނާ ފެންނާނެ ކަމަށެވެ.

މި ސީޒަން ފެށުނު ފަހުން، ސިޓީގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ ވެސް ބެނާޑޯ ސިލްވާއެވެ. އޭނާ ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ދެ ގޯލް ޖަހައި އެއް އެސިސްޓް ހަދައިފައެވެ.

މިދިޔަ ސީޒަންގައި ވެސް ސިލްވާ ފާހަގަ ކުރެވިފައި ވަނީ ގަވައިދުން ސިޓީގެ ޓީމުން ޖާގަ ހޯދަމުން އައި ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ ސީޒަންގައި ސިޓީ ކުޅުނު 50 މެޗުގައި އޭނާ ފެނުނު އިރު، 13 ގޯލް ޖަހައި ހަތް ގޯލެއް ޖަހައި ދިނުމަށް އެހީތެރިވެދީފައިވެއެވެ.

ބާސެލޯނާ އަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވި ނަމަވެސް މި ޓްރާންސްފާ މާކެޓުގައި އެ ޓީމު ފެނުނީ ވަރަށް ހަރަކާތްތެރިކޮށެވެ. އެގޮތުން ބަޔާން މިއުނިކަށް ކުޅުނު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އާއި އޭސީ މިލާންގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އާއި ޗެލްސީގެ އެންޑްރިއާސް ކްރިސްޓެންސަން އާއި ސެވިއްޔާގެ ޑިފެންޑަރު ޖޫލެސް ކޫންޑޭ އާއި ލީޑްސްގެ ވިންގަ ރަފީނިއާގެ ސޮއި ބާސާ އިން ވަނީ ހޯދައިފައެވެ.

ބެންފީކާ އިން ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި ބެނާޑޯ ސިލްވާ ވަނީ މޮނާކޯއަށްވެސް ކުޅެފައެވެ. އޭނާ މޮނާކޯ ދޫކޮށް ސިޓީއަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އަދި އޭނާ ވަނީ މިހާތަނަށް ސިޓީގައި ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 253 މެޗުގައި 48 ލަނޑު ކާމިޔާބުކޮށްފައެވެ.

ބެންފީކާ އަދި މޮނާކޯގައިވެސް ކާމިޔާބު ހޯދާފައިވާ ބެނާޑޯ ސިލްވާ ވަނީ ސިޓީއާއެކު ހަތަރު ޕްރިމިއާ ލީގު ތަށި، އެއް އެފްއޭ ކަޕް، ހަތަރު ލީގް ކަޕް، ދެ ކޮމިއުނިޓީ ޝިލްޑް ކާމިޔާބު ކުރުމުގެ އިތުރުން އެއްފަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 70 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާ ބެނާޑޯ ސިލްވާ ވަނީ ގައުމީ ޓީމާއެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.