ޕްރިމިއާ ލީގުގައި އެރްލިންގް ހާލަންޑްގެ އަނެއްކާވެސް ހެޓްރިކެއް ހެދިއިރު، މެންޗެސްޓާ ސިޓީން 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނޮޓިންގްހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. މިގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި ނޮޓިންގްހަމްގެ ހާފަށް ބާރު ބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

ސިޓީން މެޗުގެ ލީޑު ނެގީ 12 ވަނަ މިނެޓުގައެވެ. މި ލަނޑު ފިލް ފޮޑެންގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ ހާލަންޑްއެވެ. މި ލަނޑަށް ފަހުވެސް ސިޓީން ދިޔައީ ނޮޓިންގްހަމްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

މިގޮތުން 23 ވަނަ މިނެޓުގައި ހާލަންޑް ޖެހި އިތުރު ލަނޑަކުން ސިޓީން ވަނީ ލީޑު ފުޅާ ކޮށްފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ އޭނަ ޕްރިމިއާ ލީގުގައި ކުޅުނު ފަސް މެޗުން ޖެހި ނުވަ ވަނަ ލަނޑެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 50 ވަނަ މިނެޓުގައި އެޓީމުން ވަނީ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރީ ޖޯ ކަންސެލޯއެވެ.

ދެވަނަ ހާފްގައި ސިޓީން ގެނައި ބަދަލުތަކާއެކު އެޓީމުން އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، 67 ވަނަ މިނެޓުގައި އަލްވަރޭޒް ވަނީ ސިޓީގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި 87 ވަނަ މިނެޓުގައި އަލްވަރޭޒް ވަނީ ސިޓީގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ނޮޓިންގްހަމް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.