ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ)އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، މެންޗެސްޓަރ ސިޓީގެ އާލިން ބްރައުޓް ހާލަންޑް ހޯދައިފިއެވެ.

ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފުރަތަމަ ފަހަރަށް ހާލަންޑް ހޯދީ މިދިޔަ ސީޒަންގައި ސިޓީއަށް ތިން ތަށި ކާމިޔާބުކޮށްދިނުމުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކުގަ އެވެ. އެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ސިޓީ އިން ކާމިޔާބުކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.

އުމުރުން 23 އަހަރުގެ ހާލަންޑް ވަނީ އޭނާ ސިޓީއަށް ކުޅުނު ފުރަތަމަ ސީޒަނުގައި 52 ލަނޑު ޖަހާފައެވެ. އޭނާގެ އިތުރުން މި އެވޯޑަށް ވާދަކުރީ ސިޓީގެ ކެވިން ޑި ބްރޭނާއާއި ޖޯން ސްޓޯންސްގެ އިތުރުން އާސެނަލްގެ މާޓިން އެޑެގާޑާއި ބުކަޔޯ ސަކާ އަދި ކުރިން ޓޮޓެންހަމަށް ކުޅުނު ހެރީ ކޭންއެވެ.

މި އެވޯޑާ ހަވާލުވުމަށްފަހު، ހާލަންޑް ބުނީ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި، ވާދަވެރިން އޭނާގެ މަސައްކަތް ބަލައިގަތުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ. މީގެއިތުރުން އޭނާ ބުނީ، ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނަކީ ހަނދާނުން ނުފިލާނެ ސީޒަނެއް ކަމަށެވެ. އަދި މި ސީޒަނުގައިވެސް މަސައްކަތްކުރާނީ އެ ކާމިޔާބީތައް ތަކުރާރުކުރަން ކަމަށެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދީ އާސެނަލްގެ ބުކާޔޯ ސަކާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި އާސެނަލަށް 14 ގޯލު ޖަހައިދިނީ 11 އެސިސްޓްކޮށްދީފަ އެވެ.

ޕީއެފްއޭއިން ހޮވާ "ޓީމް އޮފް ދަ އިޔާ"ގައި ހާލަންޑާއި ސަކާ ވެސް ހިމެނެ އެވެ. މި ޓީމްގެ ގޯލްކީޕަރަކީ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އެވެ. ޑިފެންޑަރުންނަކީ އާސެނަލްގެ ވިލިއަމް ސަލީބާ، ސިޓީގެ ސްޓޯންސް، ރުބެން ޑިއާސް އަދި ނިއުކާސަލްގެ ކެއިރެން ޓްރިޕިއާ އެވެ. މިޑްފިލްޑަރުންނަކީ ސިޓީގެ ޑި ބްރައިނާ، ރޮޑްރީ އަދި އާސެނަލްގެ ކެޕްޓަން އޮޑެގާޑް އެވެ. ފޯވާޑް ލައިނުގައި ތިބީ ސަކާ، ހާލަން އަދި ކޭން އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުޝާން

    ހުނަރާއި ފެންވަރުގެ ގޮތުން ބަލާއިރު މެސީ؛ ނޭމާ؛ އެމްބާޕޭ ފަދަ ކުޅުންތެރިންނާއި އަރާ ހަމަކުރެވޭ ވަރަށްވުރެ ހާލަންޑް އުޅެނީ ދަށުގަ. އެކަމަކު މިމީހުންނަށް ނުލިބި ހާލަންޑަށް ދިނީ މިމީހުން މުސްކުޅި ވީމަތޯ.

    2
    2