މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑަށް ލިބިއްޖެއެވެ.

އުމުރުން 22 އަހަރުގެ ހާލަންޑް ވަނީ ލީގުގައި 36 ލަނޑު ޖަހައި، ޕްރިމިއާ ލީގު ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލައިފައެވެ. މި ސީޒަންގައި އެކަނި ވެސް އޭނާ 56 ގޯލް ޖެހިއެވެ.

ހާލަންޑަށް މި އެވޯޑު ލިބުނީ އާންމުންގެ ވޯޓާއި ޕްރިމިއާ ލީގުގެ ޕެނަލް އިން ވެސް އެންމެ ގިނަ ވޯޓު ލިބިގެންނެވެ. މި އެވޯޑު ލިބުމާ ގުޅިގެން އޭނާ ވަނީ ވޯޓު ދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

"އަހަރެންނަށް ވަރަށް ބޮޑު ޝަރަފެއް އެއް ސީޒަނެއްގައި ދެ އެވޯޑް ލިބުނު ފުރަތަމަ ކުޅުންތެރިޔާ އަށްވުމުން. ވޯޓު ދިން އެންމެންނަށް ޝުކުރު އަދާ ކުރަން،" ހާލަން ބުނެފައިވެއެވެ.

މިދިޔަ އަހަރު ބްރޫޝިއާ ޑޯޓްމަންޑުން މެންޗެސްޓަ ސިޓީ އަށް ބަދަލުވި، ހާލަންޑް ވަނީ މި ސީޒަންގެ ޕްރިމިއާ ލީގު ސިޓީ އަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސް ދިނުމުގައި ވެސް އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.

މީގެއިތުރުން ސިޓީ ވަނީ އެފްއޭ ކަޕްގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީ ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ. އެފްއޭ ކަޕްގެ ފައިނަލްގައި ނުކުންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްއާ ދެކޮޅަށެވެ.

ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ހާލަންޑެވެ.

"ފުރަތަމަ ސީޒަންއަކީ ވަރަށް ތަފާތު ސީޒަނެއް. މިދިޔަ ހަފްތާ ބަންދުގައި ޕްރިމިއާ ލީގު ތަށި އުފުލާލެވުނީ ސަޕޯޓަރުން ކުރިމަތީގައި، އެއީ ވަރަށް ހާއްސަ ވަގުތެއް،" ނޯވޭގެ ފޯވާޑް ބުންޏެވެ.