މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އާލިން ހާލަންޑް ޗެލްސީ އަށް ގެންދިއުމަށް މީގެކުރިން މަސައްކަތްކޮށްފައިވާނެ ކަމަށް އޭރު ޗެލްސީގެ ކޯޗަކަށް ހުރި ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ޗެލްސީގެ ކޯޗުކަމާ ވަގުތީ ގޮތުން މިހާރު ހަވާލުވެ ހުރި ލަމްޕާޑްގެ ކޯޗުކަމުގެ ދަށުގައި މާދަމާރޭ މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅޭ އިރު، މިއީ ތާރީހީ މެޗެކެވެ. އެ މެޗުން މޮޅުވެގެން މެންޗެސްޓާ ސިޓީ އަށް ޕްރިމިއާ ލީގުގެ ތަށި އުފުލާލުމުގެ ފުރުސަތު އެބައޮތެވެ. އެ މެޗުގެ ކުރިން ވެސް ސިޓީ އަށް ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ ނޮޓިންހަމް ފޮރެސްޓް އަތުން، އާސެނަލް ބަލިވެއްޖެނަމައެވެ.

ސިޓީ މުހިންމު މެޗަކާ ކުރިމަތިލާ އިރު، މި ސީޒަންގައި ސިޓީ އަށް ތަފާތު، މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއަކީ ހާލަންޑެވެ. ހާލަންޑު ވަނީ ސީޒަންގައި 52 ގޯލް ޖަހައިފައެވެ. އޭގެ ނަތީޖާއަކީ ޗެމްޕިއަންސް ލީގުގެ ފައިނަލާއި އެފްއޭ ކަޕް ފައިނަލާއި ލީގުގެ އެއްވަނައިގައި ސިޓީ އޮތުމެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމާ ލަމްޕާޑް ފުރަތަމަ ހަވާލުވި އިރު، އެ ކްލަބުން ވަނީ ހާލަންޑް ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގަށް 2019 ގައި ކުޅެމުން ދަނިކޮށް، ހާލަންޑަށް ޗެލްސީން އޮފާ ކުރިއެވެ. އެކަމަކު، އޭރު އޭނާ ގުޅުނީ ބްރޫޝިއާ ޑޯޓްމަންޑަށެވެ. ޑޯޓްމަންޑަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ސަލްބާގް އަށް 22 މެޗު ކުޅެދީ 28 ގޯލް ކާމިޔާބުކޮށްދީފައެވެ.

"ކުޅުންތެރިއެއްގެ ގޮތުގައި އަހަރެންގެ ފުރިހަމަ އިހްތިރާމް އޭނާ އަށް (ހާލަންޑް) އެބައޮތް. އަހަރެން ފުރަތަމަ ޗެލްސީއާ ހަވާލުވި އިރު، ގެންނަން މަސައްކަތް ކުރި ކުޅުންތެރިއެއް ހާލަންޑަކީ. ވަރަށް ބޮޑަށް ބޭނުންވި އޭނާ ގެންނަން. އެކަމަކު، އެކަން ކާމިޔާބެއް ނުވި." ލަމްޕާާޑް ބުނެފައިވެއެވެ.

ހާލަންޑަކީ މޮޅު ކުޅުންތެރިއެއް ކަން ފާހަގަކޮށް ލަމްޕާޑް ބުނީ އޭނާއަކީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އަދި ހާލަންޑަކީ ވަރަށް ހާއްސަ، ތަފާތު ކުޅުންތެރިއެއް ކަން ވެސް ލަމްޕާޑް ފާހަގަކުރިއެވެ.

މި ސީޒަންގައި ހާލަންޑާ އެކު ތިން ތަށި ހޯދުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ. އެއީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮމެންޓޫ

    އަހުން ގޭ ދޮށު ޓީމަށް ވެސް ގެންނަން އުޅުނިން އެކަމު އެސޮރު ބޯ ޒަތުގެ ކިރު މިކޮޅުން ލިބެން ނެތީމަ ހަމަ ނުޖެހުނީ

    1
    1