ޕްރިމިއާ ލީގުގައި ލިވަޕޫލް ފަހުވަގުތު ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދައިފިއެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ދިޔައީ ނިއުކާސަލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައްވެސް އުފައްދަމުންނެވެ.

ނަމަވެސް ލިވަޕޫލްއަށް މި މެޗުގައި ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފިފައި ނުވާއިރު، ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފައި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނިއުކާސަލް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކުރީ އަލަށް ސޮއިކުރި އިސާކްއެވެ.

މި ލަނޑާއެކު ލިވަޕޫލް އިން ކުރިޔަށް ޖެހި ގިނަ އެޓޭކްތައް ކުރި ނަމަވެސް، ނިއުކާސަލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވަލައި ލަނޑެއް ޖެހުމަށް ލިވަޕުލް ވަނީ ނުކުޅެދިފައެވެ. މިއާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ލިވަޕޫލްގެ މައްޗަށް ނިއުކާސަލް ކުރިގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފް ފެށިގެން ލިވަޕޫލް އިން އެޓީމުގެ ކުޅުން އިތުރަށް ވަރުަގަދަ ކޮށްފައިވާއިރު، 61 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މުހައްމަދު ސަލާހުގެ ދިން ޕާހަކުން ކާމިޔާބުކުރީ ރޮބާޓޯ ފިރްމީނޯއެވެ.

މި ލަނޑާއެކު ލިބުނު އިތުރު ހިތްވަރާއެކު ލިވަޕޫލް އިން ގިނަ ހަމަލާތައް ނިއުކާސަލްގެ ގޯލަށް ފޮނުވާލިއެވެ. މިގޮތުން ލިވަޕޫލް އިން ކުރަމުންދިޔަ މަސައްކަތްތައް ކާމިޔާބުވީ އެންމެ ފަހު ވަގުތު ފަބިއޯ ކަވާޅޯ ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ކުޅުނު ފަަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ފަސް ވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ނިއުކާސަލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން 11 ވަނައިގައެވެ.